މި ދުވަސްވަރު، ޑެންގޫ، ނޭވާލާ ނިޒާމުގެ ބަލިތައް އަދި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގޫ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު ވަނީ އިތުރުވެފައި ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ވެސް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަންކަމުން ރައްކާތެރިވުމަށާއި، ބަލިތައް އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކޮށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. އޭގެ ތެރެއިން ތިރީގައިވާ ކަންކަންކަމަށް ސަމާލުވުމަށް އެދިފައިވެ އެވެ.
އަރިދަފުން ރޯގާއިން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަން:
އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ނަމަ:
- މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާ ގޮތަށް މާސްކް އެޅުން
- ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން
- ބަލި މީހުންނާއި ކުޑަކުދިން ގާތަށް ނުދިއުން
- ރޯގާގެ އަލާމާތްތައް ރަނގަޅު ވަންދެން ސުކޫލް/ ވަޒީފާ އަދި ގިނަ މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ނުދިއުން. އަދި ކޮންމެހެން ދާން ޖެހިއްޖެނަމަ މާސްކް އެޅުން
ޑެންގޫ އިން ރައްކާތެރިވުން:
ޑެންގޫއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއް ކަމުން، ޑެންގީ އިން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ މަދިރި އުފެދި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމާއި، ގައިގައި މަދިރި ނުހަފާނެ ހެން މަދިރި ލޯޝަން ލައިގެން އުޅުން
ބޭރަށްހިންގުމާއި ހޮޑުލުމުން ރައްކާތެރިވުން:
- ކާބޯތަކެތި ތައްޔާރުކުރުމާއި، ކާނާ ހެދުމާއި ކާންފެށުމުގެ ކުރިން، އަދި ފާހާނާކުރުމަށް ފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
- ކާބޯތަކެތި މަތި ޖަހާފައި ބެހެއްޓުން
- ކާބޯތަކެތި ކެއްކުމަށްފަހު ގިނަ އިރު ބަހައްޓާނަމަ ފްރިޖްގައި ބެހެއްޓުން
- ބޭރަށް ހިންގާ ހޮޑުލާނަމަ ގިނައިން އޯއާރުއެސް ނުވަތަ ދިޔާ ތަކެތި ބޭނުން ކުރުން
ބަލީގެ އަލާމާތްތައް ދިގުލައިގެންދާނަމަ ޑޮކްޓަރަށް ދެއްކުމަށާއި ހާއްސަކޮށް ދިގު މުއްދަތަށް ފަރުވާކުރަން ޖެހޭ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން، ބަލީގައި ބޮޑުވަރުވުމުގެ ކުރިން އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ޑެންގީ ހުން ޖެހިގެން ނުރައްވާކަމުގެ އަލާމާތްތަކުގެ ތެރެއިން، ތިރީގައިވާ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްހީ ފަރުވާ ހޯދަންވާނެ އެވެ.
- ގަދަޔަށް ބަނޑުގައި ރިއްސުން
- އާދަޔާ ހިލާފަށް ވަރުދެރަވުން
- ކުޑަކަމުދިޔުން މަދުވުން (6-8 ގަޑި އިރުވާއިރު ވެސް ކުޑަކަމު ނުދެވުން)
- ތުއްތު ކުދިންނަށް ކިރު ބޮވޭ މިންވަރު މަދުވުން. އަދި އެއްވެސް އުމުރެއްގައި ދިޔާތަކެތި ނުބޮވުން
- ހަށިގަނޑުގެ އެއްވެސްތާކުން ލޭއައުން
ބަލިތައް ފެތުރުން އިތުރުވަމުން ދިއުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ހާއްސަ ފުލޫ ކުލިނިކެއް ވެސް ހުޅުވަފާ އެވެ. އެގޮތުން އީއާރް ކައިރީގައި ހުންނަ ޓްރައިއޭޖަށް ދެއްކުމުން ފުލޫ ކުލިނިކްގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފަ އެވެ.
ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް
ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާންކޮށްފި
ޖަގަހަ ހުޅުވަން ވެސް ސަރުކާރު މުވައްޒަފުން ގެންދިޔަ!