އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ކުރިމަތިލި އިކްރާމް އަބްދުއްސައްތާރު އަނބުރާ ނަން ނަގައިފި އެވެ.
އިކްރާމްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދަން ނިންމީ ދެފުށް ފެންނަ އަދުލު އިންސާފުގެ އުސޫލުތަކާއި ހިލާފަށް، ހުދުމުހްތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ހަމަ ބުއްދީގެ މަގުން އެއްކިބާވެ، ކޮންމެ ގޮތެއް ހަދައިގެންވެސް އިންތިހާބުން ބޭނުންވާ ނަތީޖާއެއް ނެރެން ރާވާފައިވާތީ ކަމަށެވެ.
އެ ބަޔާނުގައިވާގޮތުން ނަން އަނބުރާ ގެންދަން އިކްރާމް ނިންމި މައިގަނޑު ސަބަބަކީ ވޯޓުފޮށި ބަހައްޓައިގެން، ޕާޓީގެ އާންމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު ޕާޓީ މެންބަރުންނަށް ނުދިމުންނެވެ.
އޮންލައިންކޮށް އިންތިހާބު ބާއްވަން ނިންމުމުން އިކްރާމް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
"މި އިންތިހާބުގައި ވާދަ ނުކުރުމަށް އަޅުގަނޑުމެންނަށް ތާއީދުކުރާ ވަރަށްގިނަ ފަރާތްތަކުން ލަފާދީފައިވާތީ، އަޅުގަނޑާއި އަޅުގަނޑުގެ ރަނިންމޭޓްގެ ނަން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން ނަގައިފީމެވެ،" އިކްރާމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ބުނީ މި މަހު 31، ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު މި ފަހަރުގެ ބާއްވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ހިދުމަތް ކަމަށްވާ "ފަހި ވޯޓު" މެދުވެރިކޮށެވެ.
އިންތިހާބުގައި އިކްރާމްގެ އިތުރުން ދެން ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާނެވެ. އޭނާގެ ނައިބެއްގެ ގޮތަށް ހުށަހަޅާފައިވަނީ ޝައިހް އަބްދުﷲ ރަޝީދު އެވެ.
ދިރާގު ރޯދަ ރެޑީ- ކޮންމެ ދުވަހަކު ހާއްސަ އިނާމުތަކެއް
ސުނީތާގެ ތުހުމަތުތަކަށް ގޯވިންދާ ރައްދި ދީފި
