ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ދައްކަވަނީ އޮޅުވާލަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ޗާގޯސްގެ އެއްވެސް ހައްގެއް ހޯދުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

ޗާގޯސް މައްސަލާގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރަން ސަރުކާރުން ނެގި ގާނޫނީ ޓީމް ކޮބައިތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޗާގޯސްއަކީ ދެކުނުން އައްޑޫ ފުވައްމުލަކުގެ ޒަމާންވީ ތަރިކައިގެ ދަލީލު ފެންނަތަނެއްކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.

ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭ ގޮތުން ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތައް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ އިނގިރޭސިވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

އެ ސިޓީ ފޮނުވުން ފިޔަވައި އެ މައްސަލާގައި ސަރުކާރުން ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.