ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެމެރިކާ އިސްވެ އުފައްދާފައިވާ ޣައްޒާ އާރާސްތުކުރާ "ބޯޑް އޮފް ޕީސް" ގައި މުސްލިމު ހަތް ގައުމަކުން ބައިވެރިވާން ނިންމާފައިވާ ކަމަށް ސައޫދީ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސަތު ބަލަހައްޓަން ނިންމާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ދީފައިވާ ދައުވަތު ސައޫދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ގަތަރުން ވަނީ ގަބޫލުކޮށްފަ އެވެ.

މި ބޯޑުގައި ބައިވެރިވާން ޔޫއޭއީގެ ރައީސް، ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ދިން ދައުވަތު އޭނާ ވެސް ވަނީ ގަބޫލުކުރައްވާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފޭސް ދެއެއްގައި އުފެއްދި ބޯޑަކީ ޣައްޒާ އަލުން އާރާސްތުކޮށް، ސަރަހައްދީ ގުޅުންތައް ގާއިމްކޮށް، ފަންޑު އިތުރުކޮށް، ޣައްޒާގައި ސުލްހަ ގާއިމްކުރުމަށް އުފައްދާ ބޯޑެއް ކަމަށް ކުރިން އެމެރިކާއިން ވަނީ ބުނެފަ އެވެ.

ބޯޑްގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހަމަޖެއްސެވިކަން ޓްރަމްޕް ވަނީ ހުކުރު ދުވަހު އިއުލާން ކުރައްވާފަ އެވެ. އޭގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިކޮފް ވެސް ބޯޑްގައި ވަނީ ހިމަނުއްވާފަ އެވެ.

ބޯޑް އޮފް ޕީސް އަކީ މުސްތަގުބަލުގައި އދ. ގެ ބަދަލުގައި މަސައްކަތް ކުރާނެ ބައިނަލްއަގްވާމީ އޯގަނައިޒޭޝަނަކަށް ވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. އެގޮތުން މި ބޯޑުގެ ދާއިމީ މެންބަރަކަށް ވުމަށް ބޭނުންވާ ގައުމުތަކުން އެމެރިކާއަށް 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.