އިންޑިއާގެ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

އަގުބޮޑު ކައިވެނީގެ ހަފްލާތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އާނަންތުގެ ދެމަފިރިންވަނީ 2024 ވަނަ އަހަރުވެސް ރާއްޖެ އައިސްފަ އެވެ. އެފަހަރު އެމީހުން ޗުއްޓީ ހޭދަކުރީ ހދ. މަކުނުދޫ ފަޅުގައި އޮންނަ ސޮނެވާ ސީކްރެޓް ރިސޯޓުގަ އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން އެ ދެމަފިރިން ރާއްޖެ އައިއިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަން 50 މީހުން ގެނަ އެވެ. އަދި ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ސްޓޭންޑްބައިގައި ބާއްވާފައިވެ އެވެ. އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓު މިފަހަރު ޗުއްޓީ ހޭދަކުރަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

އާނަންތު އާއި ރާދިކާ ކައިވެނި ކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭއްވި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކުރިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އާނަންތުގެ ބައްޕަ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީއަކީ، ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާގެ އިތުރުން، އޭޝިޔާގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 92.5 ބިލިޔަން ޑޮލަރަށް އަރަ އެވެ.