މޯލްޑިވިއަންގެ، ފުރޮޅުލީ ކުދި މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލަން ނިންމައި އަގުތައް އާންމުކޮށްފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ، އެ އެއާލައިންގެ ދަތުރުތަކުން ގުޅާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދަތުރުތައް އަންނަ މަހު އެއްވަނަ ދުވަހު ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ދަތުރުތަކުގެ އަގުތައް:

  • ގަން - ފުވައްމުލައް | ކޮޅަކަށް 500ރ.
  • ފުވައްމުލައް - ކޫއްޑޫ | ކޮޅަކަށް 650ރ.
  • ފުވައްމުލައް - ކާޑެއްދޫ | ކޮޅަކަށް 650ރ.
  • ގަން - ކާޑެއްދޫ | ކޮޅަކަށް 900ރ.
  • ގަން - ކޫއްޑޫ | ކޮޅަކަށް 900ރ.

އެ ދަތުރުތަކުގެ ބުކިން އަށް މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ މި އާ ހިދުމަތް ފެށުމަށް އެ އެއާލައިނުގެ ޓްވިން އޮޓާ ބޯޓުތަކުގެ ތެރެއިން ބޯޓެއް (ޑީއެޗްސީ- ސިކްސް) މިހާރު ވަނީ ކަނޑަށް ޖައްސާ ކޮންފިގަރޭޝަނުން އެއްގަމުގެ ރަންވޭތަކަށް ޖެއްސޭ ގޮތަށް، ފުރޮޅުލީ ބޯޓަކަށް ބަދަލުކޮށްފަ އެވެ. މިހެން ހެދުމުން، އައްޑޫ ގަން، ފުވައްމުލައް، ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓަށް އެ ބޯޓަށް ޖެއްސޭނެ އެވެ.

ޑީ ހެވިލަންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާއަކީ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، 15 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އެއީ ވަރަށް އަވަހަށް ދަތުރުތަކަށް ތައްޔާރުކޮށްލެވޭ އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކުރު ދަތުރުތަކަށް އެކަށީގެންވާ ބޯޓެއްގެ ގޮތުގައި ބެލެވެ އެވެ.ޓްވިން އޮޓާ ބޯޓު އާންމުކޮށް ރާއްޖޭގައި މިހާރު ބޭނުންކުރަނީ ސީޕްލޭންގެ ގޮތުގަ އެވެ.

މާލެ އާއި ރިސޯޓުތަކާ ދެމެދު ޓޫރިސްޓުން އުފުލުމުގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަނީ މި ބޯޓުތަކެވެ.

މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން އެ އަތޮޅުތަަކަށް ހާއްސަ ދަތުރުތަކެއް އެ އެއާލައިނުން ތައާރަފުކޮށްފައިވާ ކަަމަށެވެ.

އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި އަދި އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

"މިކަމުގެ ސަބަބުން ބަލި މީހުން އުފުލުމާއި ސިއްހީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެ، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ،" މޯލްޑިވިއަނުން ބުންޏެވެ.