އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި ސިޔާސީ ކާޓޫން ގެ ވޮލިއުމް 22 އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.
މީޑިއާ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ އެ ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.
"ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ [ސިޔާސީ ކާޓޫން ވޮލިއުމް 22] އަކީ މި ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އުނިކުރުމަށް (ރިމޫވްކުރުމަށް) އަންގާފައިވާ ކޮންޓެންޓެއް ކަމުގައިވާތީ، މި މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން އިސްވެ ދެންނެވުނު ކޮންޓެންޓް އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ،" ކޮމިޝަނުން ބުންޏެވެ.
އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް އަމުރު ފޯރުވުމުގެ ބާރު ކޮމިޝަނަށް ނުލިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާ އާއި ނޫސްވެރިން އެއިރު ވެސް ބުނަމުންދިޔައީ ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް ވެސް ކޮމިޝަނަށް ބާރު ފޯރުވޭނެ ކަމަށެވެ.
ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އަދަދުއަށް އެންގީ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ވަނީ ރޭ ސިޓީއެއް ފޮނުވައިފަ އެވެ.
އެގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް ތުހުމަތު ކުރެވި އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް އެ ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.
މިއީ ސަރުކާރުން އުފެއްދި މީޑިއާ ކޮމިޝަނުން ނޫހެއްގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.
އެހެން ގައުމުތަކަށް ހިޖުރަކުރި ބޮލީވުޑް ތަރިން!
މިސަރުކާރުން ފުވައްމުލަކަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތް
ހާރެއް އަޅާފައިވާ ފައިދިގު މަކުނެއް ފެނިއްޖެ؟