ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓްފަހަރު 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމިއިރު، ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ.

އޭރު ސަރުކާރުން މިގޮތަށް ހަމަޖެއްސީ ނޮވެމްބަރު، 3، 1988 ގައި ޓެރަރިސްޓުންގެ ބަޔަކު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އަންނަ އާގުބޯޓުފަހަރު ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ގައުމުގެ އިގުތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.

މި ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި، ޕައިލޮޓޭޖްގެ ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެން ލިބޭނެ އެވެ.

މިއީ މާލޭގެ ވިޔަފާރި ބަނދަރު ބައިނަލްއަގުވާމީ ފެންވަރުގެ އިތުބާރު ހުރި ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެ އެވެ.

އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީވެ، ރާއްޖެ އަންނަ އުޅަނދުފަހަރުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.