ބާލީ (26 އޭޕްރީލް) - އިންޑޮނޭޝިއާގައި މިދިޔަ ބުދަ ދުވަހު ސަބްމެރިން އަޑިއަށް ދިއުމުގެ ހާދިސާގައި މަރުވި ބައެއް ފަޅުވެރިން ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ވީޑިއޯއަކީ އެ ހާދިސާ ހިނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯ އެކެވެ. މިއީ އެ ގައުމުގެ ކުރީގެ ނޭވީ ސަބްމެރީންގެ ކޮމާންޑަރު ރިޓެޔާކުރުން ފާހަގަކޮށް އޭނާއަށް ދީފައިވާ ވަދާއީ ހަދިޔާ އެކެވެ.

ވީޑިއޯ އިން ފެންނަނީ ސަބްމެރިންގެ އެއްފަޅުވެރިއަކު ގިޓާ ކުޅޭއިރު އޭނާގެ ވަށައިގެން ތިބި އެހެން ފަޅުވެރިން އިންޑޮނޭޝިއާ ބަހުން ލަވައެއް ކިޔަ އެވެ. މި ލަވައިގެ މާނައިން ވަދާއީ ސަލާމުގެ މާނަ ދޭހަކޮށްދޭ އިރު، މިއީ އެ ގައުމުގައި ވަދާއީ މުނާސަބަތުތަކުގައި އާއްމުކޮށް ކިޔައި އުޅޭ ލަވައެކެވެ.

https://www.instagram.com/p/CODev36loho/?utm_source=ig_web_copy_link

މިއީ އެ ފަޅުވެރިންގެ އެންމެ ފަހުގެ ސަލާމުގެ ގޮތުގައި ސިފަކުރެވެމުން ދާއިރު ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި މި ވީޑިއޯ ޝެއާ ކުރަމުންނެވެ.

އަޑިއަށް ދިޔަ ސަބްމެރިނަކީ އެ ގައުމުގައި ބޭނުންކުރާ ފަސް ސަބްމެރީންގެ ތެރެއިން އެއް ސަބްމެރިނެވެ. އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން ވަނީ އާދީއްތަ ދުވަހު އެ އުޅަނދާއެކު އަޑިއަށް ދިޔަ ފަޅުވެރިން ސަލާމަތްނުވާނެ ކަން ޔަގީންކޮށްދީފަ އެވެ. -- ޗެނަލް ނިއުސް އޭޝިއާ