މޯލްޑިވް ގޭސްއަށް ބާ ސިލިންޑަރުތަކެއް ގެނައި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބާ ސިލިންޑަރުތަައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭކަަމަށް ތުހުމަތުކުރެވޭތީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ލަފާދެއްވައިފަ އެވެ. އެ ކޮމިޓީގެ ރިޕޯޓު ތަޅުމުން ފާސްކުރީ 55 މެމްބަރުންގެ ވޯޓުންނެވެ.
މޯލްޑިވް ގޭސް އިން ވަނީ ކޮވިޑް-19އާ ގުޅިގެން 4،218 އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައިވެ އެވެ. އޭގެތެރެއިން 1،000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިންނެވެ. އަދި ބާކީ 3،218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަަމަށްވާ ޕްރޯބިޒް ކުންފުނިންނެވެ.
އެ ދެ ކުންފުނިން ވެސް މޯލްޑިވްސް ގޭސްއަށް ފޮނުވާފައިވަނީ ބާ ސިލިންޑަރުތަކެވެ. އޭގެ ތެރެއިން ޕްރޯބިޒްގެ ސިލިންޑަރުތަކުން ބަދަލުހޯދުމަށް މޯލްޑިވް ގޭސްއިން މަސައްކަތް ކުރި ނަމަވެސް އޭއެންޖީން ފޮނުވި ސިލިންޑަރުތަކުން ބަދަލު ހޯދަން މަސައްކަތް ނުކުރާ ކަމަށް އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި އެވެ.
އެހެންކަމުން މިމައްސަލައިގައި މޯލްޑިވް ގޭސްއަށް ގެއްލުންވެފައިވާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅައިގެން ވެސް ގެއްލުމުގެ ބަދަލު ހޯދަން ނިންމާފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓްގައިވެ އެވެ.
ގޭސް ސިލިންޑަރުތައް ގަންނަން އޭއެންޖީ ކުންފުންޏަށް 253،000 ޔޫއެސް ޑޮލަރު އަދި ޕްރޯބިޒްއަށް 702،090 ޔޫއެސް ޑޮލަރު ހަރަދުކޮށް ޖުމްލަ 955،099 ޔޫއެސް ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮލަރު މޯލްޑިވް ގޭސްއިން ހަރަދުކުރި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ވަނީ އެއްވެސް ސިލިންޑަރެއް ހައިޑްރޯ ސްޓެޓިކް ސިލިންޑަރު ޓެސްޓްތައް ހަދައި އޭގެ ކޮލިޓީ ބަލައި ޔަގީންކުރުމަށް ފަހު ނޫނީ އެއްވެސް ސިލިންޑަރެއް ބޭނުން ނުކުރަން މޯލްޑިވް ގޭސްއަށް އަންގާފަ އެވެ.
އެމްއެފްޑީއޭގެ އެންގުމުގެ ސަބަބުން މޯލްޑިވް ގޭސްގެ ގުދަނުގައި 2،428 ސިލިންޑަރު ޓެސްޓް ނުކޮށް ބަހައްޓާފައި އެބަހުއްޓެވެ. އެހެންވެ ޓެސްޓްތައް ހެދުމަށްފަހު ނޫނީ ސިލިންޑަރުތައް ބޭނުންނުކުރަން މޯލްޑިވް ގޭސްއަށް އެންގުމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
ސިންގަޕޫރުުގެ ދެ ކުންފުނިން އެ ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ.
އިކްރާމް ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި އިކްރާމް އެއްބަސްވެފައިވާއިރު އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.