ނުސާފުކޮށް ހުންނަ ކުކުޅު ބިހާއި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ކުކުޅު ބިހާ ގުޅޭގޮތުން ނެރުނު އިއުލާނެއްގައި އެމްއެފްޑީއޭ އިން ބުނީ މުއްދަތު އިތުރު ކުރުމަށް ހާއްސަ ޓްރީޓްމެންޓް ނުދީ ފިނިނުކޮށް ކުކުޅު ބިސް ބަހައްޓަން ވާނީ އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަމަށެވެ.

ބިހުގެ މުއްދަތު ހަމަވާ ތާރީހު ތިން މަހަށް ވުރެ އިތުރުވާނަމަ، މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް މިހާރު އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހޭނެ އެވެ. އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމަށާއި ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަންވާނެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް ލޭބަލް ކުރެވިފައި ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީހު ގަންނަ ފަރާތަށް އެގޭނެ ގޮތަށް ކަމަށެވެ.