މަންދު ކޮލެޖަށް އެމްއީއެސް ކުރިން ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ހައި ސުކޫލެއް ހިންގުމަށް ހަވާލުކުރި އެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެ ގޮތުގައި 50 މިލިއަން ރުފިޔާ ދިނުމަށް އުޅޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ އާޒިމް މިއަދު ތުހުމަތުކުރައްވައިފި އެވެ.
އެ ތުހުމަތުކުރައްވާ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އަދިވެސް މަންދު ކޮލެޖަށް ފައިސާ ދިނުމަށް ކަމަށެވެ. އަދި އެގޮތަށް ސަރުކާރުން ނިންމީ ދައުލަތާ ދެކޮޅަށް މަންދުން ކޮލެޖުން އިތުރު ދައުވާތަކެއް ކުރާނެތީ ކަމަށެވެ. އާޒިމް ވިދާޅުވީ ހުރިހާ ދައުވާއެއްގެ ޖުމްލަ އަގު އެއްކޮށްލީމައި ބަދަލުގެ ގޮތުގައި މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
އާޒިމް އެފަދައިން ޓުވީޓެއް އެ ކުރެއްވީ، މަންދު ކޮލެޖު ހިންގާ މާލެ ހައިއަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ އޮޑިޓާ ޖެނެރަލް (އޭޖީ) ދެއްވާފައިވާ ލަފާ ނޫސްތަކަށް ފެންމަތިވެ އެ ލަފާގެ ހަބަރު ޖެހުމާ ގުޅިގެންނެވެ،
މީގެ ކުރިން ވެސް މަންދަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމުމުން އާޒިމްވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަށް އޭޖީ ދެއްވާފައިވާ ލަފާގައިވާ ގޮތުން މަންދު ކޮލެޖުގެ މާލީ ބަޔާންތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް މަންދު ކޮލެޖުން އެ އިމާރާތަށް ހަރަދު ކޮށްފައިވަނީ 1،179،041 މިލިއަން ރުފިޔާ އެވެ. އަދި 2015 ވަނަ އަހަރުގެ އެ ކުންފުނީގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ކުންފުނިން ހަރަދުކޮށްފައިވަނީ 1،414،876 މިލިއަން ރުފިޔާއެވެ. އެހެންކަމުން އޭޖީ އޮފީހުން ލަފާ ދެއްވާފައިވަނީ ބަދަލުގެ ގޮތުގައި ދޭ މިންވަރު އެ ދެމެދުގައި ހިފަހެއްޓުމަށެވެ.
އޭޖީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދައުލަތުން މަންދު ކޮލެޖަށް އެކި ގޮތް ގޮތުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ. އަދި މަންދު ކޮލެޖަށް އެޑިއުކޭޝަން ފަންޑުން ދީފައިވާ 3 މިލިއަން ރުފިޔާގެ ލޯނުން 1 މިލިއަން ރުފިޔާ އަދިވެސް އެ ކުންފުނިން އަނބުރާ ދައްކާފައިނުވާކަން އޮޑިޓު ރިފޯޓުގައި ބުނެފައިވެ އެވެ.
އެ ހުރިހާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޢާޒިމް ވިދާޅުވީ މީގެ ކުރިންވެސް މަންދަށް ބަދަލު ދިނުމާ ދެކޮޅަށް އޭނާ ދެއްކެވީ އެ ވާހަކަ ކަމުގައި ކަމަށެވެ. އަދި އެ އޮޑިޓު ރިޕޯޓުގައިވެސް ކޮންމެވެސް ވާހަކަތަކެއް އެބަހުރި ނޫންތޯ އޭނާވަނީ ސުވާލުކުރައްވާފަ އެވެ.