މަންދު ކޮލެޖަކީ ސަރުކާރުގެ ނުފޫޒުގަދަ ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބޭބެ އިބުރާ ހިންގާ ކޮލެޖެއް. އިބުރާ އެތަން ހިންގީ ކުރިން އެ ސްކޫލް ހިންގި އަލީ މުސްތަފާއަށް ވެސް އޮޅުވާލައިގެން ކަމަށްވޭ. އޭގެ ފަހުން ސަރުކާރުން އެތަނުގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުން ސަރުކާރުން މަންދު ކޮލެޖަށް ދެއްކުމަށް ނިންމާފައިވާ އަދަދަކީ އޮޑިޓާ ޖެނެރަލް ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއްކަން މިހާރު ހާމަވޭ. މިކަމާ ގުޅިގެން އިބުރާ ވަނީ ހޫނު ފެނަށް ވެއްޓިފައި.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުން ސަރުކާރުން މަންދު ކޮލެޖަށް ދެއްކުމަށް ނިންމާފައިވާ އަދަދަކީ އޮޑިޓާ ޖެނެރަލް ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑު އަދަދެއްކަން ހާމަވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ތައްޔާރުކުރި އެސެސްމަންޓްގައި ބުނެފައި ވަނީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަން ރުފިޔާ އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށެވެ. އެހެން ކަމުން ދަލަތުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ 15 މިލިއަން ރުފިޔާގެ ބަދަލަކީ މަންދު ކޮލެޖަށް އޮޑިޓް އޮފީހުގެ އެސެސްމަންޓުން ދެއްކި އަދަދާ އަޅާ ބަލާއިރު، 13.5 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ.

އޮޑިޓާ ޖެނެރަލް ތައްޔާރުކުރައްވާފައިވާ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް އެމްއީއެސް ހުރި އިމާރާތުގައި އިންޓަނޭޝަނަލް ސުކޫލެއް ހިންގުމުގެ ފުރުސަތު މަންދު ކޮލެޖަށް ލިބުނު ނަމަވެސް، އެކަން މަންދު ކޮލެޖުން ކޮށްފައިނުވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ތަނުގައި އިތުރު ކޯސްތައް ހިންގުމަކީ އެއްބަސްވުމުގެ އަސާސީ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުވި ނަމަވެސް އެހައިތަނަށް އެ ކޯސްތައް ހިންގުން ފިޔަވައި، އިތުރު ކަމެއް އެ ތަނުގައި ކޮށްފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއްބަސްވުން އުވައިލަން މިނިސްޓްރީން ނިންމުމުން އެންމެ ފުރަތަމަ މަންދު ކޮލެޖުން ބަދަލެއްގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ 243،798،811 ރުފިޔާ އެވެ.

ބަދަލުގެ ގޮތުގައި 243 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުން އެދުނު ނަމަވެސް، އެ ކުންފުނިން ހޯދަން އެދުނު ބަދަލުގެ ތެރޭގައި އެކި ކަންކަމުގައި ކުރިން ނަގައިދިނުމަށް ސިވިލް ކޯޓުގައި އެ ކުންފުނިން އެދިގެން ނަގައިދީފައިވާ ބަދަލުވެސް ހިމެނޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައި ވަނީ އެއްބަސްވުން އުވައިލުމުން އިތުރު ތަނެއް ކުއްޔަށް ހިފަންޖެހުމާއި، ވިޔަފާރިއަށް އައި ބަދަލުތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަކީ ދައުލަތުން ދޭން ޖެހޭނެ ބަދަލެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން އުވައިލީ ގާނޫނާ ޚިލާފަށްކަން ސާބިތުވާ ހާލަތުގައި ވެސް މަންދު ކޮލެޖަށް ބަދަލު ދޭންޖެހޭނީ އެ ކުންފުންޏާ ދައުލަތާ މެދުގައި ވެފައިވާ އެއްބަސްވުމުގެ އަސާސީ މަގުސަދު ކަމަށްވާ އިންޓަނޭޝަނަލް ސުކޫލެއް ހިންގުމަށް ކޮށްފައިވާ ޚަރަދުތަކުގެ ބަދަލު ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.