ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ކުރިއެރުވުމަށް ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޕޭމަންޓް ސިސްޓަމެއް ގާއިމްކުރުން ލާޒިމްކޮށް މަޖިލީހަށް ހުށައަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ޕޭމަންޓް ސިސްޓަމްގެ ބިލަކީ މާލީ މުއާމަލާތް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ބޭނުމުގައި ހުށަހަޅުއްވާފައިވާ ބިލެކެވެ. މިއީ ރާއްޖެއާއި ރާއްޖޭއިން ބޭރަށް ފަސޭހަކަމާއެކު ބޭންކު މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތް ލިބިގެންދާނެ ޕޭމަންޓު ނިޒާމެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އަލީީ ހާޝިމް މީގެ ކުރިން ވިދާޅުވެފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޕޭމެންސްޓު ސިސްޓަމް ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ. ޕޭމެންޓް ނިޒާމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދިއުމާއެކު ހަރަދުކުޑަ ޕޭމަންޓް ހެދޭނެ ތަފާތު ސޮލިއުޝަންތައް މާކެޓަށް ނެރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި އެމްއެމްއޭއިން، ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައި ވަނީ ސޮއިކޮށް ފައެވެ. ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، އެ ސިސްޓަމް ގާއިމްކުރެވިގެން ދިޔުމާއިއެކު ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ އެވެ.
އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މިއީ ރާއްޖޭގެ މާލީ ނިޒާމު، ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ތަޖުރިބާ ހުރި ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭ ކުރިއެރުމެއްކަމަށް އެމްއެމްއޭއިން ދެކެ އެވެ.
ގައުމީ ޕޭމަންޓު ސިސްޓަމްގެ މަސައްކަތަކީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއެކެވެ. އޭގެ ސަބަބުން ރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް އެ ދާއިރާއިން ހުޅުވިގެންދާނެ ކަމަށް މަޖިލީހުން ފާސްކުރެއްވި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އިތުރަށް އެ ބިލުގައި ބުނެފައިވާގޮތުން އެސިސްޓަމް ގާއިމްކުރެވުމުން ޕޭމަންޓް ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަށް ހިމާޔަތްކުރުމަށްޓަކައި ހުދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވީގޮތް ކަނޑައަޅައި އުސޫލްތަކާއި ގަވާއިދުތަކެއްވެސް އެމްއެމްއޭއިން އެކުލަވާލަންޖެހޭނެ އެވެ.