ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހަބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ނުކުރުމުން އެމްޓީސީސީގެ ފިޔޯރީ ސައިޓުގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ހާލިދު ހއ. އިހަވަންދޫ އެމްޓީސީސީ ސައިޓަށް ބަދަލުކޮށްފި އެވެ.
"އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި އަބްދުﷲ ހާލިދު ބުނީ ރޯދަ މަހާ ދިމާކޮށް ކުއްލިއަކަށް އޭނާ ފިޔޯރީ ސައިޓުން އިހަވަންދޫއަށް ބަދަލުކުރީ ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ މުބާހުއަށް ތާއީދު ނުކޮށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދަށް ތާއީދުކުރުމުން ކަމަށެވެ.
ހާލިދު ބުނީ އޭނާގެ ވަޒީފާ ފިޔޯރީން އިހަވަންދުއަށް ބަދަލުކުރަން ނިންމީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު އެ ރަށަށް ވަޑައިގެން އޭނާއަށް ހުށަހެޅި ބައެއް ކަންކަމަށް އެއްބަސްނުވި ހިސާބުން ކަމަށެވެ. ޕީއެންސީ ޓިކެޓިގައި ވާދަކުރާ އަބްދުﷲ މުބާހުއަކީ މުއްތަލިބުގެ އާއިލީ ބޭފުޅެކެވެ.
"އިއްޔެ ގާތްގަނޑަކަށް 10:30 ހާއިރު ގުޅާލާފައި ބުނީ ކޮބާ ޓިކެޓު ނަގައިފިންހޭ. މަ ބުނިން ލަންކާއަށް ދާށޭ ޓިކެޓު ނަގާނީ. ޑީއެމްޑީއަށްވުރެ މަތިން، ނައިބުރައީސްއަށްވުރެ މަތިން އައިސްފައި އޮތް ކަމަކަށް އިހަވަންދޫއަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫނޭ. މުއްތަލިބު ފޮނުވާލާށޭ. އަޅުގަނޑު ރަށުގައި ބަހައްޓާށޭ."
އިހަވަންދޫއަށް ބަދަލުކުރަން ނިންމީ ސީދާ މުއްތަލިބުގެ އެންގުމަށް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން މިއީ އާއިލާގެ އެންމެ ދޮށީ މީހާ. އެމީހުން އެބަހުރި މާލޭގެ ގޭގެއަށް ގޮސްލާފައި ބުނެލާފައި ތިމަންނަމެންނާ އެއްކޮޅަށް ނާރަންޏާ އެއްފަހަރު މަތިން ނައިބުރައީސަށް އަތްލެވިދާނެއޭ. ދެވަނަ ފަހަރަށް އެއަށްވުރެ މަތިންނޭ އަންނާނީ. މިފަހަރު އައީ މަތިން. އެހެންވީމަ މިފަހަރު ﷲ އަށް ޝުކުރު ކޮށްލާފައި އަހަރެން ރަށުގައި މަޑުކޮށްލީ،" އެނާ ބުންޏެވެ.
އަބްދުﷲ ހާލިދަކީ މުއްތަލިބުގެ ބޮޑުބޭބެއެކެވެ. އޭނާ އަކީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރި މީހެކެވެ.
ޕީއެންސީގެ ޕްރައިމަރީއަށް މުއްތަލިބު ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށް ޕީއެންސީއަށް ނިސްބަތްވާ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ނިންމެވީ އަމިއްލަގޮތުން ވާދަކުރެއްވުމަށެވެ.
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
ހިތުގެ ބަލިތަކުން ރައްކާތެރިވާން ކާންވީ މިރުސް!
