ފެނާއި ނަރުދަމާގެ މަޝްރޫއު އާ ގުޅިގެން އެ މަޝްރޫއުތައް ކުރިއަށްދާ ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިޔުއެސްސީއިން 31 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނައިރު އެމަޝްރޫޢުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް އެތަކެއް ވަޒީފާގެ ފުރުސަތު ހުޅުވުގެންދާނެ ކަމަށެވެ. އެގޮތުން މިހާތަނަށް 110 ވަރަކަށް ވަޒީފާ އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް 120 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެރަށްރަށުން މިފަދަ ވަޒީފާތަކަށް މީހުން ނެގުމަށް އިސްކަންދޭ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ސައިޓް އިންޖިނިއަރިން ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެހެންނަމަވެސް އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދާ މަޝްރޫއުތައް ވަކި ރަށެއް ތަފާތުކުރުމެއް ނެތި ކޮލެޓީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ މި މަޝްރޫއުތަކުގައި ބޭނުންކުރާ ހޮޅިއަކީ ފެންވަރު ރަނގަޅު ހޮޅި ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީން އުފައްދާ ހޮޅިއަކީ ޔޫރަޕްގެ ސްޓޭންޑާޑް ކަމަށްވާ "އީއެން" އާއި އަދި އައިއެސްއޯ ސްޓޭންޑަޑްއަށް ފެތޭހެން އުފައްދާ ހޮޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިމަޝްރޫއުތަކުގައި މަސައްކަތް ކުރާ އިންޖީނިއަރުންނަކީ މިކަމަށް ގާބިލު، ތަޖުރިބާ ލިބިފައިބާ ބައެއް ކަމަށާއި އަދި ފަންނީ މުވައްޒަފުންނަކީ ވެސް މި ދާއިރާއިން ތަޖުރިބާ އާއި ތަމްރީނު ލިބިފައިވާ ބައެއްކަން ޝާހު ފާހަގަ ކުރެއްވި އެވެ.