މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް އޮންނަ އޮތުން ބަދަލު ކުރަން ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ބިމާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަަމަ ކިޔުން އިއްވުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި އަދި ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ.

އެ ބިލުގައިވާ ގޮތުން ތަނަވަސްކަން ހުރި ކަމަށް ބަލާނީ ގަތުމަކުން، ވިއްކުމަކުން، ހިބައަކުން ނުވަތަ ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައިވުމެވެ. ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ބިމެއް ނޫނީ ފްލެޓެއް ލިބިފައިވުމެވެ.

މިހާރު ގާނޫނުގައި އޮންނަ މާއްދާގައި ބުނަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެ ކަމަށެވެ. ގާނޫނުގައި އެހެން އޮތުމުގެ ސަބަބުން މައިމުޅަވާ މީހުންނަށް ތަރިކައިން ބަންޑާރަ ގޯއްޗެއް ނުލިބެ އެވެ.

މައިމުޅަވުމުން ތަރިކައިން ލިބޭ ބައި އުނިވުމަކީ އިސްލާމީ ޝަރީއަތުގައި އެކަން ހަމަޖެހިފައިވާ ގޮތެވެ. ކޯޓުތަކުން ވެސް އަމަލުކުރަނީ އެ އުސޫލަށެވެ.

މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރިން މަރުވާ ހާލަތުގައި މަރުވެފައިވާ ދަރިއެއްގެ ދަރިންނަށް ތަރިކަ މުދަލުން ނުލިބޭ ހާލަތެއް ދިމާވުމެވެ.