މިއަދު ދިވެހި މުޖުތަމައަށް ބަލާއިރު، އިޖުތިމާއީ އެކި މައްސަލަތަކާއި މީހުންގެ ޒާތީ ދިރިއުޅުމާ ގުޅުންހުރި ކަންކަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ތިލަކުރުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މީހުންގެ ޒާތީ ވީޑިއޯތަކާއި، އާއިލީ ސިއްރުތައް ބޭޒާރުކޮށް، އެކަކު އަނެކަކަށް ބަދުބަސް ބުނުން މިވަނީ އާންމު ދެކޮޅުވެރިކަމަކަށް ބަދަލުވެފަ އެވެ.

ސޯޝަލް މީޑިއާގައި ޒާތީ ދިރިއުޅުމާއި ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގުކުރުން

މީގެ ދެދުވަހެއް ކުރިން ޓިކްޓޮކް ހުޅުވާލެވުނުއިރު ފެންނަނީ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެކެވެ. އެކި މީހުން އެކިގޮތަށް ވާހަކަދައްކަމުން ދެ އެވެ. ނަމަވެސް ވާއެއް ނުވާއެއް ނޭނގެ އެވެ. އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ. ދޮގުހަދާ މީހެއް ތެދު ހަދާ މީހެއް ނޭނގެ އެވެ.

އެ މައްސަލައިގެ ކުރިން ޓިކްޓޮކް ލައިވްއެއްގައި މީހަކު ކުޑަކުއްޖަކަށް އަނިޔާކުރާ ބިރުވެރި އަޑުތަކެއް އިވެމުންދިޔަ އެވެ. އެ ތުއްތު ކުއްޖާގެ ވޭނީ ރުއިމުގެ އަޑުން ހިތް ކުދިކުދިވި އެވެ. ދެން ފެށުނީ ޓިކްޓޮކުގައި އެ މައްސަލަ ތަހުގީގު ކުރުމެވެ. ފުރަތަމަ ޝައްކުވާ މީހާގެ ނަމާއި ހުރިހާ ވަނަވަރެއް ހާމަކޮށް އެތައް އެއްޗެއްސެއް ކިޔައިފި އެވެ. އާހިރުގައި މިވީ އެކަމާއި ގުޅުމެއް ނެތް މީހަކަށެވެ.

ނަމަވެސް އެ މައްސަލައިގައި ޓިކްޓޮކްގައި ވަކާލާތުކުރި ބައެއް ފަރާތްތަކުގެ މަސައްކަތާއެކު ކުއްޖާއަށް އަނިޔާކުރި އަސްލު މީހާ ހައްޔަރުކުރި ކަމަށްވެސް ވެއެވެ.

އެއްވެސް ހާލެއްގައި ކުޑަކުދިންނަށް އަނިޔާކުރުމާއި ކުށްކުރުމަށް ހިތްވަރު ދީ އެމީހުންގެ ދިފާއުގައި ލިޔަނީކީ ނޫނެވެ. އެފަދަ ގޯސް އަމަލުތަށް ކުރާ މީހުން ހުއްޓުވަން ޖެހެ އެވެ. ނަމަވެސް ގޯސްކަމެއް ހުއްޓުވަން ގޯސް މަގުން ދިއުމުން އެކަމުގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ކުރެ އެވެ.

އެކަމުން ލިބޭ ގެއްލުންތަކަކީ ކޮބާ؟

އެއްވެސް ހެއްކެއް ނެތި ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، ކުށެއް ނެތް މީހުންނާއި އާއިލާތަކުގެ އަބުރު ގެއްލި، ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެ އެވެ. މީގެ އިތުރުން މައްސަލައެއްގެ ހަގީގަތް ހާމަނުވަނީސް ސޯޝަލް މީޑިއާގައި އެކަން ފެތުރުމުން، ރަސްމީ އިދާރާތަކުން ހިންގާ ތަހުގީގުތަކަށް ބުރޫއަރައި، ހެކި ނައްތާލުމުގެ ފުރުސަތު ބޮޑު ވެއެވެ.

އަމިއްލަ އަތްމައްޗަށް އިންސާފު ގާއިމުކުރުން ނެގުމަކީ ގައުމުގެ ގާނޫނީ ހަމަތަކާއި އުސޫލުތަކަށް އޮންނަ އިތުބާރު ގެއްލި، ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވާނެ ކަމެކެވެ.

މިފަދަ ކަންކަން ހައްލުކުރަން ކުރަންވީ ކޮންކަމެއް؟

މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ކޮންމެ މައްސަލައެއްގައި ވެސް ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ހޯދުމެވެ. ފުލުހުންނަށާއި ކަމާގުޅޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅައި، ގާނޫނީ ހަމަތަކުގެ މަތިން އިންސާފު ހޯދުމަށް އިސްކަންދޭން ޖެހެ އެވެ. ހަމައެއާއެކު، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ޒިންމާދާރުވެ، ކަންކަމުގެ ހަގީގަތް ނުބަލައި މައުލޫމާތު ފެތުރުން ހުއްޓާލަން ޖެހެ އެވެ. ފަރުދީ ޒިންމާ އަދާކުރަންޖެހެ އެވެ. އަޑު އުފުލާށެވެ. ހައްގުތަކަށް ވަކާލާތު ކުރާށެވެ. ނަމަވެސް ތަހުގީގުކޮށް ހުކުމް ކަނޑައެޅުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ނޫނެވެ.

ދައުލަތުގެ މުއައްސަސާތަކުން ވެސް ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސްކޮށް، އިންސާފު ގާއިމުކުރުމުގައި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ މިފަދަ ނުރައްކާތެރި އާދަތަކުން މުޖުތަމައު ސަލާމަތްކުރުމަށް ކުރެވިދާނެ އެންމެ މުހިންމު މަސައްކަތެވެ.

ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން މިފަދަ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ "ސައިބަރ ބުލީން" އާއި މީހުން ބަދުނާމުކުރުން ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތައް ވަރުގަދަކުރަންޖެހެ އެވެ. ހަމައެއާއެކު، އާންމުން ހޭލުންތެރިކުރުވައި، އިންސާފު ހޯދަންޖެހޭ ރަސްމީ މަގުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީ މިއަދު ދިވެހި މުޖުތަމައަށް ނުހަނު ބޭނުންތެރި ކަމެކެވެ. މުޖުތަމައުގެ އަމާންކަން ދެމެހެއްޓޭނީ، ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތަކަށް އިހުތިރާމް ކޮށްގެންނެވެ.