ލ. ފޮނަދޫ ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ބީލަންތައް ހަވާލުކޮށް، މަސައްކަތްތައް ބައިބަޔަށް ބަހާލިކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓަގައިވާ ގޮތުން ފޮނަދޫ ކައުންސިލްގެ ބައެއް މަސައްކަތްތައް އިއުލާނު ނުކޮށް ބައިބަޔަށް ބަހާލައިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މައްސަލަތައް ފާހަގަކުރެވިފައިވަނީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ އެކި ޕްރޮޖެކްޓުތަކުގެ ހިސާބުތައް އޮޑިޓަރުން ބެލިބެލުމުންނެވެ.

ތަޖުރިބާއަށް ނުބަލައި ބީލަންތައް ހަވާލުކުރުން

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަމަކަށް ހުޅުވާލެވޭ މަސައްކަތެއް ހަވާލުކުރަންވާނީ އެކަމެއް ކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ހުރިތޯ ބެލުމަށްފަހުގަ އެވެ. ނަމަވެސް، ކައުންސިލުން ކުރިއަށް ގެންދިޔަ ޖުމުލަ 1,749,975 ރުފިޔާގެ 4 ޕްރޮޖެކްޓެއްގައި، ބީލަންވެރިންގެ ތަޖުރިބާއަށް ނުބަލައި ބިޑުތައް އިވެލުއޭޓްކޮށްފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފަ އެވެ.

އިއުލާނު ނުކޮށް މަސައްކަތްތައް ބައިބަޔަށް ބަހާލުން

މާލިއްޔަތު ގަވާއިދު ބުނާގޮތުން 35,000 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތައް އާންމުކޮށް އިއުލާނުކޮށްގެން ކުރިއަށް ގެންދަންޖެހެ އެވެ. އަދި ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލެވޭ މަސައްކަތްތައް ވަކިވަކި ކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، ކައުންސިލުން ވަނީ 121,268 ރުފިޔާގެ 4 މުއާމަލާތެއް އިއުލާނު ނުކޮށް، ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންގޮސްފަ އެވެ.

ބައިބަޔަށް ބަހާލައިގެން ކުރި މަސައްކަތްތަކުގެ ތަފުސީލު

މިގޮތަށް ބައިބަޔަށް ބަހާލައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފޮނަދޫ ބަރާސިލް އަވަށު ސްޓޭޖް މަރާމާތުކުރުމަށް 64,450 ރުފިޔާ އަދި ކުރިގަމު އަވަށު ސްޓޭޖް މަރާމާތުކުރުމަށް 33,250 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓުގައި ސިންކު ބެހެއްޓުމާއި ތަޅުން އެޅުމުގެ މަސައްކަތްތައް ވެސް ވަނީ ވަކިވަކި މުއާމަލާތްތަކެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފަ އެވެ.

މާލިއްޔަތު ގަވާއިދާ ހިލާފަށް މިފަދަ ކަންކަން ހިންގާފައިވާތީ، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފޮނަދޫ ކައުންސިލަށް އިރުޝާދު ދީފަ އެވެ.