އީރާނުން ރަޝިޔާއާއެކު އެންމެ ޒަމާނީ އެތައް ހާސް މިސައިލް ހޯދުމަށް 500 މިލިއަން ޔޫރޯ (589 މިލިއަން ޑޮލަރު)ގެ ސިއްރު ހަތިޔާރުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް (އެފް.ޓީ) އިން ރިޕޯޓްކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު މޮސްކޯގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާއިން "ވާބާ" މަރުކާގެ 500 ލޯންޗް ޔުނިޓާއި "9M336" މަރުކާގެ 2,500 މިސައިލް އީރާނަށް ފޯރުކޮށްދޭން ޖެހެ އެވެ. އެފް.ޓީ އިން މިކަން ހާމަކޮށްފައިވަނީ އެ ނޫހަށް ލިބިފައިވާ ރަޝިޔާގެ ސިއްރު ލިޔެކިޔުންތަކާއި، މި މުއާމަލާތުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެވެ.
މި އެއްބަސްވުމުގެ ދަށުން ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2027 އިން ފެށިގެން 2029 ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ކަމަށް އެފް.ޓީ އިން ބުނެއެވެ. މި މުއާމަލާތުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަޝިޔާގެ ދައުލަތުގެ ހަތިޔާރު އެކްސްޕޯޓްކުރާ ކުންފުނި ކަމަށްވާ "ރޮސޮބޮރޮން އެކްސްޕޯޓް" އާއި އީރާނުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސް އިން މޮސްކޯގައި ތިބޭ މަންދޫބުންނާ ދެމެދުގަ އެވެ.
އެފް.ޓީ އަށް ލިބިފައިވާ ކަމަށް ބުނާ މި ސިއްރު އެއްބަސްވުމުގައި، ތެހެރާނުން މި ހަތިޔާރު ހޯދުމަށް ރަސްމީކޮށް އެދިފައިވަނީ މިދިޔަ ޖުލައި މަހު އެވެ. މިދިޔަ އަހަރުގެ ޖޫން މަހު، އީރާނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދިޔަ އަސްކަރީ ކެމްޕޭންގައި އެމެރިކާ ބައިވެރިވެ، އީރާނުގެ ނިއުކްލިއާ ތިން ސައިޓަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ހަމަލާގައި އީރާނުގެ މުހިންމު ނިއުކްލިއާ ވަސީލަތްތައް ވަނީ މުޅިން ހަލާކުކޮށްލާފަ އެވެ. ނަމަވެސް، އެ ދުވަސްވަރު އެމެރިކާގެ އިންޓެލިޖެންސުން ތައްޔާރުކުރި ވަގުތީ ރިޕޯޓެއްގައި ބުނެފައިވަނީ، އެމެރިކާގެ ވައިގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއާ ގާބިލުކަން މުޅިން ނައްތާނުލެވޭ ކަމަށާއި، އެކަމުގެ ސަބަބުން އެ މަސައްކަތްތައް މަޑުޖެހުނީ އެންމެ މަދު މަސްތަކަކަށް ކަމަށެވެ.
އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ހަނގުރާމައިގައި ލިބުނު ގެއްލުންތަކުން ތެހެރާން މިހާރު އަލުން އަރައިގެންފައިވާ ކަމަށާއި، އެ ގައުމުގެ އަސްކަރީ ގާބިލުކަން ކުރިއަށްވުރެ މިހާރު މާ ވަރުގަދަ ކަމަށެވެ.
ރަޝިޔާއާއި އީރާނާ ދެމެދު އިސްތިރާތީޖީ ގުޅުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އޭގެ ތެރޭގައި އެއް ގައުމު އަނެއް ގައުމު ދިފާއުކުރުމުގެ މާއްދާއެއް ނުހިމެނެ އެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު، ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވަނީ އޮމާން ކަނޑުގެ ސަރަހައްދުގައި އީރާނުގެ ކަނޑުގެ ސިފައިންނާއެކު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މަސައްކަތު ގަޑި ތަފާތުކުރާތީ އެމްއެޗްޕީޔޫ އިން ކަންބޮޑުވެއްޖެ
ރޯދައިގެ ސުވާލާއި ޖަވާބު: އިންސިއުލިން ޖެހުމުން ރޯދަ ގެއްލޭނެތަ؟
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟