ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ގަރާޖެއް ނެތި ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކޮމެޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ދެކޮޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފަ އެވެ.

ކޮމިޓީގެ އެ ނިންމުމާއި ގުޅިގެން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުން އެ އިސްލާހަށް ތާއީދުކުރެއްވި އިރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ. ބޮންޑޭ ވިދާޅުވީ "އެ އިސްލާހު ފާސްވުމަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ފޭލިވެގެން ދިއުން" ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ އެ ނިންމުމަށް ބަހުސް ކުރުން އޮތެވެ. ބަހުސްގައި ވާހަކަދެއްޖި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް، އިވާ އަބްދުﷲ ވިދާޅުވީ ނާޖާއިޒު ގޮތުގައި ކުރާ ކަމެއް ގާނޫނެއްގައި ލިޔެގެން އެއީ ޖާއިޒު ކަމަކަށް ހަދަން އުޅުނަސް އޭގައިވާ ނާޖާއިޒް ގޮތް ފިލައިގެން ނުދާނެ ކަމަށެވެ.

އީވާ ވިދާޅުވީ ގަރާޖު ސިޓީ އުވާލުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ދުުރު ރާސްތާ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ އެދިވަޑައިގެންނެވީ މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް މާލޭގެ އާ ސިޓީ ކައުންސިލްއާ ވެސް މަޝްވަރާކޮށް މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބޭ ފަދަ ދުރު ރާސްތާ ހައްލެއް ހޯދަން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ގަރާޖު ސިޓީ އުވާލަން ދެކޮޅު ހަދައިފަ އެވެ.

އޭނާ ވިދާޅުވީ ގާރަޖު ސިޓީ އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ ގަރާޖު ސިޓީން ވިޔަފަރީ ކޮށް ނާޖާއިޒު ފައިދާ ނެގި އަދި ނަގާ މީހުނަށް އަދަބު ދިނުން ކަމަށެވެ. އަދި އޭނާ އެދިވަޑައިގަތީ ގަރާޖު ސިޓީގެ ކަންތައް އަލުން ބެލުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.

އާޒިމަށްފަހު މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގަރާޖު ސިޓީ އުވާލައިގެން މާލޭގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް މަދު ނުކުރެވޭނެ ކަމަށެވެ. ގަރާޖް ސިޓީ އުވާލުމަކީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް އޮތް ހައްލު ނޫން ކަމަށެވެ.