މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލެ 2 ގައި އަޅާފައިވާ "އޮޅުހިޔާ" ފެސިލިޓީގެ ބައެއް ތަންތަން މަރާމާތުކުރާނެ ބަޔަކު ހޯދަން އެނިމަލް ވެލްފެއާ މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރީ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓާއި ޖެނެރަލް ހޯލްޑިން އޭރިއާ އާއި ފާހާނާ އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
އެ މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އެ މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ބޮޑު ކަމަށާއި އެހެންވެ، އެ މަސައްކަތްތަކަށް އަންދާސީ ހިސާބުތައް ހުށަހަޅަން އަލުން ހުޅުވާލާ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.
މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ފުރަތަމަ ނިންމީ އެ ކައުންސިލުންނެވެ.
އެކަމަކު އެތަން ހިންގުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.
ޖުމްލަ 30 މިލިއަން ހަރަދު ކޮށްގެން އެޅި އެ ފެސިލިޓީއަކީ 3،000 ބުޅާ ގެންގުޅެވޭ ވަރުގެ ތަނެއް ކަމަށް އޭރު ކައުންސިލުން ބުންޏެވެ. ނަމަވެސް މިނިސްޓްރީން މިހާރު އެ ތަނުގައި ބަލަހައްޓަމުން ގެންދަނީ 258 ބުޅަލެވެ.

ރޯދަ ހިފުމުގެ ނަފްސާނީ ފައިދާތަކަށް ނަޒަރެއް!
ލަވަކިޔުން ހުއްޓާނުލަން އަރިޖީތުގެ ކިބައިން އާމިރު އެދެފި