ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެދޭ ހާލަތްތަކުގައި އެ ފުރުސަތު ދޭ ގޮތަށް ކަނޑައަޅައި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށް ދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު މިއަހަރު ހަމަޖައްސަވާދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު މިއަހަރުގެ މާޗު މަހުގެ 1 އިން ފެށިގެން ދިނުމަށް ރައީސް ނިންމެވުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެކަމަށް ބޭނުންވާ އުސޫލު އެކުލަވާލާ، ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދަށް އިސްލާހެއް ގެނެސްފަ އެވެ. މި އިސްލާހުގައިވާ ގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލިވެރިން އޮފީހަށް ހާޒިރު ނުވެ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތް ކުރުމުގެ ހުއްދާ ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މިހުއްދަ ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތިން ދަރަޖައަކަށް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން 3 ދަރަޖައަކަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދަރަޖަކޮށްފަ އެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާއި، އާންމު ދިރިއުޅުމުގެ ކުރަންޖެހޭ ކަންކަމުގައި މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާއި، އާންމު ދިރިއުޅުމުގެ ކުރަންޖެހޭ ކަންކަމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުން ނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ވަނީ ދަރަޖަކޮށްފަ އެވެ.
މީގެ ތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ކަނޑައަޅާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމުގައި ބަލާނީ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ކަނޑައަޅާ ކަމާ ގުޅޭ އިދާރާއަކުން ދަފްތަރުގައި ރަޖިސްޓާކޮށްފައިވާ ފަރާތެއް ކަމަށް ވާންޖެހެ އެވެ. މިގޮތުން ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ދޭއިރު އެއީ ގޭގައި އަދާކުރެވޭނެ ފަދަ މަސައްކަތެއްކަން ކަށަވަރުކުރުކޮށް އެ މަސައްކަތް އަދާކުރެވޭނެ ފަދަ މާހައުލެއް ލިބިފައިވާ މީހެއް ކަން ވެސް ކަށަވަރުކުރަން ވަނީ ބަޔާންކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބަފާ ޓައިމް ދިނުމަށް ވެސް މި ގަވާއިދުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ މީހަކު ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތުގެ ގަޑިއަށް ހާޒިރުވާން ކަނޑައަޅާފައިވާ ގަޑިން ފެށިގެން 1 ގަޑިއިރުގެ ބަފާ ޓައިމެއްގެ ގޮތުގައި ދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ބަފާ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ފަސްކުރަން އެދެފި
މަސައްކަތް މި ކުރަނީ ރައްޔިތުނާ ގާތުން ހިދުމަތް ކުރުމަށް: ރައީސް
ޝަމްއާން ލޯނަށް ދެއްކީ ބައްޕަ ދިން ފައިސާ: މައިންބަފައިން