މޮރިޝަސް އިން ރާއްޖެއާ އޮންނަ ހާރިޖީ ގުޅުން ކަނޑާލުމަށް ނިންމުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޮރިޝަސް ފަދަ އަވަށްޓެރި ގައުމަކުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޮރިޝަޝް އިން މި ނިންމުން ނިންމީ ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށް ވަނީ ބުނެފަ އެވެ. އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ދައުވާކުރަމުން ދާތީ ވަގުތުން ވަގުތަށް ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލަން ނިންމީ ކަމަށް އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރުކުރިން 15 ޖެނުއަރީ 1981ގަ އެވެ. ރާއްޖޭގެ ފަރާތުން ސަފީރެއްގެ ގޮތުގައި އެ ގައުމަށް ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.

މި މައްސަލައިގައި ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އުނިވި ބައި އަނބުރާ ހޯދުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް މޮރިޝަސްގެ މި ފިޔަވަޅާއެކު، އިންޑިއާ ކަނޑުގެ މި ސަރަހައްދުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.