އަލަށް އިންތިހާބުވެފައިވާ ރަށްރަށުގެ ކައުންސިލަރުންގެ ރައީސްގެ މުސާރަ ކުޑަކޮށް، ކައުންސިލްތަކުގެ މުސާރައާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހަށް ޕޭ ކޮމިޝަނުން ފޮނުވާފައިވާ ލިޔުމުގައިވާ ގޮތުން ސިޓީ ކައުންސިލުތަކުގައި މޭޔަރަކަށް 40،000 ރުފިޔާ ޑެޕިއުޓީ މޭޔަރަކަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000 ރުފިޔާ ލިބެމުން އައި އައުމަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ނަމަވެސް، އަތޮޅު ކައުންސިލްގެ ރައީސަކަށް ލިބެމުން އައި 26،000 ރުފިޔާގެ މުސާރަ މި ފަހަރު ވަނީ 28،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ނައިބު ރައީސް ހިމެނޭ ގޮތަށް ބާކީ ތިބޭ ކައުންސިލަރުން ތަމްސީލުކުރަނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތައް ކަމުން، އެ ކައުންސިލަރުންނަށް މި ފަހަރު ކަނޑައަޅާފައިވަނީ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސެކެވެ. އެގޮތުން ކޮންމެ ބަދަލުވުމަކަށް 500 ރުފިޔާ ގެ އެލަވަންސެއް ކަނޑައަޅާފައިވީ ނަމަވެސް، މަހަކު އެ އަދަދު ގިނަވެގެން 2،000 ރުފިޔާ އަށް ވަނީ ލިމިޓުކޮށްފަ އެވެ.
ޕޭ ކޮމިޝަނުން ހުށަހެޅި ބަދަލުތަކުގައި އެންމެ ހެޔޮ އަސަރެއްކޮށްފައި ވަނީ ރަށު ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މީގެ ކުރިން 15،000 ރުފިޔާ ލިބެމުން އައި ރަށު ކައުންސިލްގެ ރައީސަކަށް މިފަހަރު ހުށަހަޅާފައިވަނީ 23،000 ރުފިޔާ އެވެ. ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވެސް ވަނީ 12،000 ރުފިޔާ އިން 15،000 ރުފިޔާ އަށް ބޮޑު ކުރަން ހުށަހަޅައިފަ އެވެ. އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ވަނީ 11،000 ރުފިޔާ އިން 12،000 ރުފިޔާ އަށް އިތުރުކުރަން ހިމަނައިފަ އެވެ.
މީގެ އިތުރު އެންމެ ފަހު ވަގުތު ރަށު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަކޮށް ރަށު ކައުންސިލުތަކުގެ ރައީސުންގެ މުސާރާ އެހެން މެމްބަރުންނާ އަޅާބަލާއިރު ނިސްބަތުން ބޮޑު ކަމަށް ފެންނާތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން އާންމު ރައްޔިތުންގެ ފާޑު ކިޔުމުގެ އޮއިވަރަކާ ސަރުކާރުން ކުރިމަތިލާން ޖެހުނެވެ.
ރަށު ކައުންސިލްގެ ރައީސްގެ މުސާރަ ބޮޑުކުރީ ކައުންސިލްތަކުގެ ޑިރެކްޓަ ޖެނެރަލުންގެ އަސާސީ މުސާރަ 17،000 ރުފިޔާގައި ހުރުމުން، ކައުންސިލް ރައީސްގެ މުސާރަ އެއަށްވުރެ ކުޑަ ނުކުރަން ވެގެން ކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ.
ކައުންސިލަރުންގެ މުސާރައާ ގުޅޭ ވޯޓު ނެގުމުގެ ކުރިން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ރަށު ކައުންސިލުތަކުގެ މުސާރަތަކަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ރަށު ކައުންސިލުގެ ރައީސަކަށް ހިމެނި 23،000 ރުފިޔާގެ މުސާރަ 20،000ރ. އަށް ކުޑަ ކުރުމަށެވެ. ދެން ހުށަހެޅުއްވީ ރަށު ކައުންސިލު މެމްބަރަކަށް ފުރަތަމަ ހުށަހެޅި 12،000 ރުފިޔާ އިން 13،000ރ. އަށް ބޮޑު ކުރުމަށެވެ.
އަބްދުލްޣަފޫގެ ހުށަހެޅުން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިޚާބްވެ ރައިއްޔަތުންނައް ވެފައި ވާވައުދުތަކުގެ އުޖޫރަ ރަށު ކައުންސިލް މެމްބަކަށް 12000-13000 އެންހާސް ފަރަޤް ކުރިއަސް ކުޑަ ޢަދަދެއް.