ޕެސިފިކް ކަނޑުގައި ޓެސްޓު ކުރަމުން ދިޔަ ސީބެޑް މައިނިންގް ރޮބޮޓެއް ކަނޑުގެ އަޑީގައި ތާށި ވެއްޖެ އެވެ.

ބެލްޖިއަމްގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ މި ރޮބޮޓު ތާށިވެފައި ވަނީ ކަނޑުގެ ހަތަރު ކިލޯމީޓަރު އަޑީގައި އޭގެ ޓެސްޓު ބުރުތައް ކުރިއަށް ގެންދިއުމުގެ ތެރޭގަ އެވެ.

"ޕަޓާނިއާ 2" ނަމަކަށް ކިޔާ 25 ޓަނުގެ މި ރޮބޮޓަކީ ކަނޑުގެ އަޑިން ދަގަނޑުގެ ބާވަތްތަކާއި ބެޓެރި މެޓަލްސް ކޮނުމަށް ތައްޔާރު ކޮށްފައިވާ ރޮބޮޓެކެވެ. މި ރޮބޮޓްގެ މަސައްކަތްތައް އޮޕަރޭޓަރުންނާ ގުޅުވައިދެނީ އެ ސަރަހައްދުގައި އޮންނަ ބޯޓަކާ ގުޅާފައިވާ ފަސް ކިލޯމީޓަރުގެ ކޭބަލަކުންނެވެ.

ބުދަ ދުވަހު ކުރި ރޮބޮޓްގެ އެންމެ ފަހުގެ ދަތުރުގައި ބޯޓާ ގުޅުން ކެނޑި ރޮބޮޓް ތާށި ވުމަށް މެދުވެރިވީ ކަމަށް ރޮބޮޓްގެ ވެރި ކުންފުނިން ނެރުނު ބަޔާނެއްގައި ވެ އެވެ.-ރޮއިޓާސް

އަލުން ރޮބޮޓާ ގުޅުމުގެ މަސައްކަތް ކުރިއަށް ދާއިރު މިވަގުތު އުޅަނދު އޮތީ ކަނޑުގެ އެންމެ އަޑީގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ސީބެޑް މައިނިންގް އަކީ އެ ސަރަހައްދުގެ ތިމާވެއްޓަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް މާހިރުން ބުނަމުން ދާއިރު ގިނަ ސައިންޓިސްޓުންތަކެއް ދަނީ މި ރޮބޮޓްގެ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންނެވެ.