ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް 30 މިނެޓްގެ ހުސް ވަގުތު ދޭން ގާނޫނަށް ހުށަހެޅިި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މި ބިލު ފާސްކުރީ ޤައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށް ނިންމި ގޮތަށް ބިލަށް އިތުރު އިސްލާހެއް ގެނައުމަކާ ނުލަ އެވެ. ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ.
މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް މިހާރު ގާނޫނުގައިވާ ގޮތުން މި މުއްދަތު ދީފައި ވަނީ 1 އަހަރު ދުވަހަށެވެ.
ސަރުކާރުގެ ފަރާތުން މިހާރު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށް ފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހޭނެ އެވެ. އެގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސް ވަގުތު ކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި މުއްދަތު ކޮންމެ ދުވަހަކު 45 މިނެޓުގެ ހުސް ވަގުތު ދެ ފަހަރަށް ދޭ ގޮތަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އިސްލާހު ހުށަހެޅުއްވި އެވެ. ނަމަވެސް މަޖިލީހުން ފާސްކުރީ އެ އިސްލާހު ބަލައި ނުގަތުމަށެވެ.
ކޮންމެ މުވައްޒަފަކަށް ވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު މިހާރު ދޭންޖެހެ އެވެ. ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަން ދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެވެ.
މި އިސްލާހުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން، މިހާރު ގާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިސްލާހުގައި 1 އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކަށް 2 ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އީރާނުން އިޒްރޭލަށް ފޮނުވާލާ ގިނަ މިސައިލްތައް އަމާޒަށް ވާސިލްވޭ
ވައިގެ ދަތުރުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަނީ
މިއަދުގެ ފޮނި ކެއުމަކަށް ދޮންކެޔޮ ކަޖޫ ކިހިނެއް ވާނެ؟