ގއ. ގޮނޑޭ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމުން އެ ރަށު ފެނަކަ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

ސަސްޕެންޑުކޮށްފައި ވަނީ އެ ރަށުގެ ފެނަކަ މުވައްޒަފެއް ކަމަށްވާ ވިޝާން ހަސަން އެވެ.

ވިޝާން ބުނީ އޭނާ ކުއްލިގޮތަކަށް ސަސްޕެންޑުކުރިއިރު، އެކަންކުރި ސަބަބެއް ވެސް ފެނަކަ ކޯޕަރޭޝަނަށް ބުނެނުދެވޭ ކަމަށެވެ. ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނާއިރު، އޭނާއާ ގުޅޭ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވިޝާން ބުންޏެވެ.

"ކިތަންމެ ވަރަކަށް ބެލިޔަސް އަޅުގަނޑުގެ މައްސަލައެއް ނޯންނާނެ. ވަޒީފާ އަދާކުރަމުން އައީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު،" އޭނާ ކިޔައިދިނެވެ.

އެއްވެސް ސަބަބެއް ނެތި ސަސްޕެންޑުކުރުމުން ގަބޫލުކުރެވެނީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާތީ އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަޒީފާގެ ބިރުދައްކައިގެން ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑު މިހުރީ އެމްޑީޕީއާއެކު ގަދަކޮށް. އެމްޑީޕީގެ ކެންޑިޑޭޓުން ކޮނޑޭ ކައުންސިލަށް ހޮވަން ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ކިޔައިދިނެވެ.

ވިޝާން އަކީ ޕީއެންސީ އުފެއްދުމަށް ކުރި މަސައްކަތުގައި ކޮނޑޭގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެކެވެ.