އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިހުރިނަމަ، އޭނާ ހޯދާ މަރާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
އެކަން އިއުލާންކުރީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިންނެވެ.
އީރާނުގެ އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގަމުންދާ ޣައިރުޤާނޫނީ އުދުވާނަށް 16 ދުވަސް ވެފައިވާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާންމުންގެ ތެރެއިން ފެނިފައިނުވާއިރު، އޭނާގެ އެކްސް އެކައުންޓުން އެންމެ ފަހުން ކުރި ޕޯސްޓަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕޯސްޓެއްކަމަށް އީރާނުން ތުހުމަތު ކުރެ އެވެ.
ނަތަންޔާހޫ އާއިލާއާއެކު އިޒްރޭލުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއެކު، އޭނާއަށް ވީނުވީއެއް ނޭނގުމަކީ ޒަޔަނިސްޓުންގެ މެދުގައި އޮތް ބޮޑު ތަފާތުވުންތަކާއި ނާޒުކު ހާލަތު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި "ކުޑަކުދިން ގަތުލުކުރާ މި މުޖުރިމު އަދިވެސް ދިރިހުރިނަމަ، އޭނާ އަތުލައިގަނެ މަރާލުމަށް ކުރާ މަސައްކަތް ވަރުގަދަކަމާއެކު ކުރިއަށް ގެންދާނެ" ކަމަށްވެސް ބުނެފައިވެ އެވެ.
ހަމައެއާއެކު، ބަދަލުހިފުމުގެ އޮޕަރޭޝަންގެ 52 ވަނަ މަރުހަލާގައި، އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށް އައިއާރްޖީސީ އިން ހާމަކުރި އެވެ.
މީގެ އިތުރުން، އީރާނުގެ ވަރުގަދަ މިސައިލްތަކާއި ޑްރޯންތައް ވަނީ އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ހުންނަ އަލް-ހަރީރު ބޭސްގައާއި، ކުވެއިތުގައި ހުންނަ އަރިފްޖާން އަދި އަލީ އަލް-ސާލިމް އަސްކަރީ މަރުކަޒުތަކުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނުގެ އިސްތިޤްލާލާ ކަނޑައެޅިގެން ހިލާފަށް، އެއްވެސް އުސޫލެއް ނެތި އީރާނަށް ދޭން ފެށި އުދުވާނީ ހަމަލާތައް ފެށީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އެދުވަހު އެމީހުން ވަނީ އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުން އަވަހާރަކޮށްލާފަ އެވެ.
އިޒްރޭލާއި އެމެރިކާއިން ވަނީ ގަސްތުގައި އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ކުޅިވަރު ކުޅޭ ތަންތަން ހިމެނޭއިރު، މި އުދުވާނުގައި މިހާތަނަށް އީރާނުގެ މަދުވެގެން 1,348 މީހުން ވަނީ މަރާލާފަ އެވެ.
މި ޓެރަރިސްޓް އަސްކަރީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ ވަރަށް ހަލުވިކަމާއެކު އިޒްރޭލާއި ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަން ފަށާފަ އެވެ.

ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ރާއްޖެެއަށް ދަތުރުކުރާ އެއާލައިންތަކުން ޓިކެޓް އަގު ބޮޑުކޮށްފި
ސުވާލާއި ޖަވާބު: ލައިލަތުލް ގަދުރިއަކީ އޮނަހިރި ރެއެއްތަ؟