ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ބިމެއް ވިއްކި މައްސަލައިގެ ލިޔެކިޔުންތައް، އެކްސްގައި ހިންގާ "ހަސަން ކުރުސީ" އެކައުންޓް މެދުވެރިކޮށް އާންމުކުރި ކަމަށް ތުހުމަތުކުރެވޭ އެޗްޑީސީގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފި އެވެ.

ވަޒީފާއިން ވަކިކުރި މުވައްޒަފަކީ އެޗްޑީސީގެ ލޯން މެނޭޖްމެންޓް އޮފިސަރެކެވެ. "ހަސަން ކުރުސީ"ގެ ނަމުން ހިންގާ އެކައުންޓުން ފަޒުލްގެ އަނބިކަނބަލުންނަށް ބިން ވިއްކި ގޮތާ ބެހޭ ޕޭމަންޓް ޝެޑިއުލާއި އެ ނޫން ވެސް މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރި މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި، ކުންފުނީގެ ސިއްރު ލިޔެކިޔުންތައް ބޭރުކުރީ އެ މުވައްޒަފު ކަން ހާމަވި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކަން ސާބިތުވުމާ އެކު، ނޯޓިހެއް ނުދީ އޭނާ ވަޒީފާއިން ވަކިކުރީ އެވެ. ވަކިކުރުމުގެ ކުރިން އެ މުވައްޒަފު އަމިއްލައަށް އިސްތިއުފާ ދޭން ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމާ މެދު ގޮތެއް ނުނިންމައި ކުންފުނިން އޭނާ ވަކިކުރީ ލީކުގެ ތަހުގީގުގެ ނަތީޖާއަށް ބިނާކޮށެވެ.

ވަޒީފާ ގެއްލުމުން އެ މުވައްޒަފު 2024 ވަނަ އަހަރުގެ މެދުތެރޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު ނެރުނު ނިންމުމުގައި ޓްރައިބިއުނަލުން ބުނެފައި ވަނީ، އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައި ވަނީ އިޖުރާއީ ގޮތުންނާއި މައުލޫއީ ގޮތުން ވެސް އަދުލުވެރިކަން ހިފެހެއްޓުމަށް ފަހުގައި ކަމަށެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު ފެންމަތިވި ރިޕޯޓްތަކާއި ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކަކާއެކު އޭރު އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުރި ފަޒުލް ވަނީ އިސްތިއުފާ ދީފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 2017 ގައި 42 ބިމެއް ވިއްކަން ހުޅުވައިލި ބީލަމުގައި ފަޒުލްގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދު ހިމެނުނީ 40 ވަނައިގަ އެވެ. ބިން ލިބުނީ ފުރަތަމަ 36 ފަރާތަށް ކަމުން އެ ފަހަރު އޭނާއަށް ބިމެއް ނުލިބެ އެވެ. ނަމަވެސް ފަޒުލް އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވި ފަހުން، ފޭސް ދޭއްގެ ބީޗް ފްރޮންޓުން 2،140 އަކަފޫޓުގެ ބިމެއް ޒުލްފީނާއަށް ޖީއެސްޓީއާ އެކު 11.7 މިލިއަން ރުފިޔާއަށް ވިއްކި ކަމަށް އޭރު އާންމުވި ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.