ރަޝިޔާއަކީ އަބަދުވެސް ތެހެރާނުގެ ވަފާތެރި އެކުވެރިއެއް އަދި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވީ އީރާނުގެ އާ އަހަރުގެ މުނާސަބަތުގައި މިއަދު އެ ގައުމުގެ ވެރިންނަށް ފޮނުއްވި މެސެޖްގަ އެވެ.

ނަމަވެސް، އީރާނަށް ރަޝިޔާއިން ދޭ އެހީތެރިކަމުގެ ފުންމިނާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އީރާނުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، 1979 ވަނަ އަހަރުގެ އިންގިލާބަށް ފަހު އީރާނަށް ކުރިމަތިވި އެންމެ ބޮޑު މި ނުތަނަވަސްކަމުގެ ތެރޭގައި، މޮސްކޯގެ ފަރާތުން އުންމީދު ކުރި ފަދަ ހަގީގީ އެހީތެރިކަމެއް ލިބިފައެއް ނުވެ އެވެ.

ރައީސް ޕުޓިން މި ތަހުނިޔާ ފޮނުއްވާފައި ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ މޮޖުތަބާ ޚާމަނާއީ އަށާއި، ރައީސް މަސްއޫދު ޕެޒެޝްކިއަން އަށެވެ.

އެ މެސެޖުގައި ބުނީ އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ޕުޓިން އެދިވަޑައިގެންނަވާ ކަމަށެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ވެސް މޮސްކޯ އޮންނާނީ އީރާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަޝިޔާއިން ގަބޫލުކުރާ ގޮތުގައި، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތި ވަނީ ނުރައްކާތެރި ފުންގަނޑަކަށް ވެއްޓިފަ އެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ބުރޫއެއް އަރާފައިވާ ކަމަށް ވެސް ރަޝިޔާއިން ބުނެ އެވެ. މީގެ އިތުރުން، އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުން ޕުޓިން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ.

ޕޮލިޓިކޯ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ޔޫކްރެއިނަށް ރަޝިޔާއާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ، ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ދިނުން ހުއްޓާލާނެ ކަމަށް މޮސްކޯއިން ވޮޝިންޓަނަށް ހުށަހެޅި އެވެ. ނަމަވެސް އެމެރިކާއިން ވަނީ އެ ހުށަހެޅުން ގަބޫލު ނުކޮށްފަ އެވެ. ކްރެމްލިންއިން ވަނީ މި ރިޕޯޓަކީ ދޮގު ހަބަރެއް ކަމަށް ބުނެ ރައްދުދީފަ އެވެ.

ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން ރަޝިޔާއަށް އެކުވެރި ގައުމެއް ގެއްލިފައިވީ ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު އުފުލުމަކީ ރަޝިޔާއަށް އޭގެ ފައިދާ ކުރާ ކަމެކެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާތީޖީ ބައިވެރިކަމުގެ އެއްބަސްވުމުގައި، އެއް ގައުމަކަށް ހަމަލާއެއް ދިނުމުން އަނެއް ގައުމުން ސީދާ ހަނގުރާމައަށް ނުކުތުމުގެ މާއްދާއެއް ހިމެނިފައެއް ނުވެ އެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ރަޝިޔާ ބޭނުންވާ ކަމެއް ނޫން ކަމަށް އެގައުމުން ތަކުރާރުކޮށް ބުނެފައިވެ އެވެ. އެއީ މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ރޭހެއް ފެށިދާނެ ކަމުގެ ބިރު އޮތުމުންނެވެ.