މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ސަޕްލައިއަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތަށް ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ރޭވުންތެރިކަމާއެކު ހަލުވި ފިޔަވަޅުތައް އަޅައި، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ދަމަހައްޓަމުންދާ ކަމަށެވެ.
އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބެލުމަށްފަހު، ދުރާލައި ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަން އެރޭންޖްމެންޓުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހަފުތާގައި ވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި، ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ތާރީހުތަކާ އެއްގޮތަށް އިތުރު ޝިޕްމެންޓުތައް ވެސް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ސައީދު މިހެން ވިދާޅުވިނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ނަތީޖާއެއްގެ ގޮތުން މުދަލަށް ދައްކަންޖެހޭ ނާލު ބޮޑުވެ، ފިހާރަތަކުން ވިއްކާ އެއްޗެހީގެ އަގުތައްވެސް ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން ލޯންޗް ދަތުރުފަތުރުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. ސަބަބަކަށް އެފަރާތްތަކުން ބުނަނީ އެސްޓީއޯއިން ވިޔަފާރިތަކަށް ބޮޑުއަގުގައި ތެޔޮ ވިއްކުމެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
އިޒްރޭލްގެ ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދީފި
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި