އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އާ މާކެޓުތައް ހޯދުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މެދުއިރުމަތީގެ ހާލަތު ގޯސްވުމުގެ ކުރިންވެސް ސަރުކާރުން އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން އެ ގައުމާއެކު ވަރުގަދަ ގުޅުމެއް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަ ދެކެވެމުން، ބޭނުން އިރެއްގައި އަޅުގަނޑުމެންނަށް މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެއްޖެޔާ އެކަން ކުރެވޭ ހިސާބުގައި މިތިބީ، އެއީ ވަކި ކަހަލަ މުދަލެއް ނޫން ހުރިހާ ބާވަތެއްގެ މުދާވެސް އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލެންޑް އަދި ކެމްބޯޑިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ރާއްޖެއިން މާ ބޮޑު ވިޔަފާރީގެ މުއާމަލާތްތަކެއް ނުކުރާ އެފްރިކާގެ ބައެއް ގައުމުތަކުގެ މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ.
މުދާ ގެނައުމުގައި ދިމާވާ ލޮޖިސްޓިކްސް މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، ކަނޑުމަގުންނާއި ވައިގެ މަގުން އާ ލިންކުތަކެއް އެޅުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން އެފްރިކާގެ ފުޅާ އޭވިއޭޝަން ނެޓްވޯކްތަކުން ރާއްޖެއަށް ކަނެކްޝަންތައް ލިބުމުން، ކާގޯ ސްޕޭސް އިތުރުވެ މުދާ ސަސްޓެއިން ކުރަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.
ފުންނާބު ފަޅައިގެން ދިއުމަށް ދެވިދާނެ ގެވެށި ފަރުވާތަކެއް!
ސުންނީ ނުވަތަ ޝީއާ މުސްލިމުންނޭ ކިޔަނީ ބައިބައި ކުރަން: މައުމޫން
އީރާނުން އެމެރިކާއާއެކު މަޝްވަރާކުރަން އެއްބަސްވުމަކަށް!