ހިިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހުޅުމާލޭގައި އިމާރާތްކުރާ ދެ ޓަވަރުގެ ފްލެޓްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ހެދި އެއްބަސްވުން އެމްޓީސީސީން ބާތިލްކުރި މައްސަލަ ބެލުމުގެ ބާރު ލިބިގެން ވަނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން އިމާރާތްކުރާ ދެ ޓަވަރު ތަރައްގީކުރަން ޑިސެމްބަރު، 2017 ގައި ހަވާލުކުރީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ކުންފުންޏާ އެވެ. ޖުމްލަ 400 ފްލެޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރުގެ އިމާރާތުގެ މަސައްކަތް ފަށާފައި ވަނިކޮށް، މިދިޔަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

އެމްޓީސީސީއިން އެއްބަސްވުން ބާތިލްކުރުމުން އާރުއައި އިންޖިނިއަރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ހުކުމް ކުރީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން އޮތް ގޮތުން މައްސަލަތައް ހައްލު ކުރަން ހުށަހަޅަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށެވެ. އަދި އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓުތަކަށް ނުބެލޭނެ ކަމަށް އާބިޓްރޭޝަން ގާނޫނުގައި ބުނެފައިވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ނިންމައި ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން އެމްޓީސީސީން ބުނެފައި ވަނީ ދެ ޓަވަރުގެ މަސައްކަތަށް 390 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު އެހެން ކުންފުނިތަކަށް ވެސް ފްލެޓް އަޅަން ހުޅުމާލެއިން ބިން ދޫކުރި އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ފެނަކަ ކޯޕަރޭޝަން ހިމެނެ އެވެ.