ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނީއްސުރެ ފުލުހުން ގެންދަނީ ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތުގެ މާހައުލުގައި ކުރަމުންދާ ޖިންސީ ގޯނާ ހުއްޓުވާލުމަށް ގޮވާލާ އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމަށް މުޒާހަރާގެ ބައިވެެރިންނަށް ފުލުހުން އަނިޔާކުރި މައްސަލައަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ފުލުހުން ތިބީ ރައީސް ސޯލިހުގެ "ފިނޑި ސިޔާސަތު" ދިފާއުކުރަން ފޫގަޅައިގެން ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ފުލުހުންގެ ތެރޭގައިއައިރު ގާނޫނީ އާންމުވަމުން އަންނަނީ ބިރުގަންނަ މިންވަރަށް ކަމަަށެވެ. އަދި އެކަން ހުއްޓުވުމަށް ފުލުހުން އަތުގައި އަނިޔާކުވެެރިވުމުގެ ލައިސަންސް އޮންނަ ކަމަށް ދެކުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފުލުހުން ތިބީ ރައީސް ސޯލިހުގެގެ ފިނޑި ސިޔާސަތު ދިފާޢުކުރަން ފޫގަޅާފައި. ވެރިކަން ފެށުނީއްސުރެ، ސުލްހވެރި އިހްތިޖާޖުގެ ބައިވެރިންނަށް އަނިޔާކުރޭ. ފުލުހުން ތެރޭގައި އައިރުގާނޫނީ ޢަމަލްތައް އާއްމުވަނީ ބިރުވެރި މިންވަރަކަށް. އަނިޔާވެރިވުމުގެ ލައިސަންސް އޮތްކަމަށް ދެކުން ހުއްޓުވަންޖެހޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ،
އޮފީސް މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަތަކާ ދެކޮޅުަށް ޒުވާނުންކުރި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔުން އަމާޒުވާން ފެށުމުން އެކަން ހިިންދާލުމުގެ ބޭނުމުގައި މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުން އެއްވުން ރޫޅާލުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރިތޯ ބަލާނެ ކަމަށެވެ.
ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.
މުޒާހަރާއަށް ފުލުހުން ހުރަސް އެޅި އިރު، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން ވެސް ފެނެ އެވެ.