މަސައްކަތުގެ މާހައުލުގައި ކުރަމުންދާ ޖިންސީ ގޯނާ ހުއްޓުވާލުމަށް ގޮވާލާ ބޭއްވި މުޒާހަރާ ރޫޅާލުމަށް މުޒާހަރާގެ ބައިވެެރިންނަށް އަނިޔާކުރި ފުލުހުން މިހާރު ވަނީ ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

އޮފީސް މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަތަކާ ދެކޮޅުަށް ޒުވާނުންކުރި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔުން އަމާޒުވާން ފެށުމުން އެކަން ހިިންދާލުމުގެ ބޭނުމުގައި މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުން އެއްވުން ރޫޅާލުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރިތޯ ބަލާނެ ކަމަށެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބޭއްވި އިހުތިޖާޖު ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އެ ތަނުގައި ތިބެގެން އަޑުގަދަކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރުމަށް ފަހު މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހަމައަށް ދިޔަތަނާހެން ފުލުހުން ވަނީ ހުރަސް އަޅަން ފަށައިފަ އެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އެޅި އިރު، ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އަނިޔާވެރިކަމާ އެކު، މީހުން ދުރުކުރަމުން ދާތަން ވެސް ފެނެ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުން ބޭނުންކޮށްފައިވާ ގޮތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ބަލައި ނިމެންދެން، މުޒާހަރާ ރޫޅާލުމުގައި ބައިވެރި ފުލުހުން މަސްއޫލިއްޔަތުން ދުރުކުރެވިފައިވާ ކަމަށެވެ. އަދި އިތުރަށް ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގު ތަކުން ނުކުންނަ ނަތީޖާއަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަހުން ރާއްޖޭގައި ބާއްވާ ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިންވާ ދެކޮޅަށް ފުލުހުން ބާރުގެ ބެނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.