ލޯކަލް ކައުންސިލް އިންތިހާބާއި، ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓު ނެގުމަށް ތިން ދުވަހަށް ވެފައި ވަނިކޮށް، ފުލުހުންގެ މުސާރަ ބޮޑުކޮށްފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރައަށް ބަދަލު އައިސްފައިވާ ކަން އަންގައި، ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެ އިދާރާއިން ނެރުނު ސާކިއުލާގައިވާ ގޮތުން، މުސާރަ ބޮޑުކުރަން ނިންމާފައިވަނީ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްގެންނެވެ.
މަގާމުގެ އެލަވަންސްގެ ދެވަނަ ހަރުފަތަށް ޔުނީފޯމު ފުލުހުން ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލު އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެލަވަންސް ބޮޑުވާނީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރު ހަމަވެ، މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ވަޒަންކުރާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވްރެޖުކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މީގެ ކުރިން ގެނެސްފައިވާ ބަދަލެއް ނަމަވެސް، މިހާތަނަށް އެ އިދާރާއިން އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. މި ބަދަލު ގެނެސްފައިވަނީ މި މަހުގެ މުސާރަ ފުލުހުންނަށް ޖަމާކުރަން ފެށުމާއެކު އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މިއީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށްފައިވާ އެލަވަންސެއް ކަމަށެވެ.
މަގާމުގެ އެލަވަންސް އިތުރުކުރުމާ ގުޅިގެން ވަކިވަކި ރޭންކުތަކުގެ ފުލުހުންގެ މުސާރައަށް އަންނާނެ ސީދާ ބަދަލެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، މިއީ ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް އައި މުހިންމު ބަދަލެކެވެ.
މީގެ ކުރިން މާޗު 2024 ގައިވެސް ފުލުހުންގެ މުސާރަ ވަނީ 35 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
ފުލުހުންގެ އިތުރުން ކުރިއަށް އޮތް އިންތިބާ ދިމާކޮށް ފުލުހުންގެ އިތުރުން، މުވައްޒަފުން ގިނަ، ކަސްޓަމްސްއާއި އިމިގްރޭޝަންގެ މުވައްޒަފުންގެ މުސާރަވެސް ވަނީ ނިމިދިޔަ މަހު ބޮޑުކޮށްފަ އެވެ.
ސަރުކާރުން ބުނީ އިންތިހާބާ ދިމާކޮށް ޕްރޮޖެކްޓްތައް ފެށުމާއި މުސާރަ ބޮޑު ކުރުމަކީ އިއްތިފާގެއް ކަމަށެވެ. ރައީސް ވިދާޅުވަނީ މި ސަރުކާރުން އިންތިހާބާ ދިމާކޮށް ކަންކަން ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އަމަލުތައް ފެންނަނީ އޭގެ އިދިކޮޅަށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ސޯނަމްއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް!
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"