ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ހެނދުނު އަށެއް ޖެހުމާއެކު ވޯޓުލާ ގިނަ މަރުކަޒުތަކުގައި ވަނީ ވޯޓުލާން ފެށި އެވެ. ނަމަވެސް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެ މީހުން ހާޒިރު ނުވާ ތިން ތަނެއްގައި ވޯޓުލުން ފެށުން ކުޑަ ވަގުތުކޮޅަކަށް ލަސްވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވެ އެވެ. އަދި މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައި ވެސް ތިން ވޯޓަށް ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް އީސީ އިން ބުނެ އެވެ.
މާލެއާއި އަތޮޅުތައް ހިމެނޭހެން ވޯޓުލުމުގެ ކަންކަން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދެ އެވެ.
މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކަކީ މާލޭގެ ހެންވޭރު ސްޓޭޑިއަމް އަދި މާފަންނު ސްޓޭޑިއަމެވެ. އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
މި އިންތިހާބުގައި މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާފައިވެ އެވެ. މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާފައިވާއިރު، އެންމެ ގިނަ ފޮށި ބަހައްޓާފައި ވަނީ އަމީނިއްޔާ ސްކޫލުގަ އެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.
މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ވަނީ އައްޑޫގަ އެވެ. އެ އަތޮޅުގައި 29 ފޮށި ބަހައްޓާފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށް ވެސް ކޮންމެ ސްޓޭޝަނެއްގައި ވަކިން ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ. އެ އިންތިހާބަކާ ގުޅޭ ވޯޓު ކަރުދާހެއް ލާން ޖެހޭ ފޮށީގެ އިރުޝާދު މަރުކަޒުގައި ހަރަކާތްތެރިވާ އީސީގެ އޮފިޝަލުން ދޭނެ އެވެ.
އިލެކްޝަންސް އިން ބުނިގޮތުގައި މި ފަހަރުގެ އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެ އެވެ. އަދި ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައި ވަނީ ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެ އެވެ.
ވޯޓުލާން ޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެ އެވެ. އަދި ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓް ކާޑާއި ލައިސަންސްގެ އަސްލު އެކަންޏެވެ. އީފާސް ބޭނުމެއް ނުކުރެވޭނެ އެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.
އީސީން ބުނިގޮތުގައި ވޯޓު ގުނުމުގައި ފުރަތަމަ ގުނާނީ ކައުންސިލަށް އިންތިހާބު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. އަދި ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ އެންމެ ފަހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.
އަޖޭއަށް 57 އަހަރު ފުރުމާއެކު ކާޖޮލްގެ މަޖާ މެސެޖެއް
ޕާޓީތަކުން ޓެކްސީ ހަރަދު މިފަހަރު ރައްޔިތުންގެ ފައިސާއިން