ސަރުކާރުން މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައި ވަނީ އެއީ ދޭ ޖެހޭ ބަދަލެއް ކަމަށާއި އޮޑިޓަ ޖެނަރަލް އެކަމުގައި ދީފައިވާ ލަފަޔަކީ ގާނޫނާ ހިލާފަށް ދީފައިވާ ލަފާއެއް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެފި އެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މަންދު ކޮލެޖަށް ބަދަލުގެގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވުން ދިފާއުކުރައްވާ ބަންޑާރަ ނައިބްގެ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އެއްބަސްވެފައިވަނީ ދައުލަތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ދީފައި ވާތީ ކަމަށެވެ.

ސިވިލް ކޯޓު ހުކުމުގައި މަންދަށް ނަގައިދީފައިވާ ބަދަލަކީ އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމަކާއި ހިލާފުވުމާއި ގުޅިގެން މަންދަށް ގެއްލުން ލިބުމުގެ ސަބަބުން ނަގައިދީފައިވާ ބަދަލެއް ބަންޑާރަނައިބުގެ އޮފީހުން ފާހަގަ ކުރައްވަމުން ބުނެފައި ވަނީ މަންދަށް ބޮޑު ގެއްލުމެއް ލިބުނީ ދައުލަތުން ސީދާ އެއްބަސްވުމާ ހިލާފުވުމުން ކަމަށެވެ.

ބަންޑާރަނަ ނައިބްގެ އޮފީހުން އިތުރަށް ބުނީ އޮޑިޓް އޮފީހުން ދީފައިވާ ލަފަޔަކީ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ކޯޓަކުން ނަގައި ދިނުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ދީފައިވާ ލަފަޔެއް ކަމަށެވެ. ދައުލަތުން މަންދު ކޮލެޖާއެކު ހަދާފައިވާ އެއްބަސްވުން ދައުލަތުން ބާތިލްކުރުމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ކުއްލިއަކަށް ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ، ސިވިލް ކޯޓުން މަންދު ކޮލެޖަށް ނަގައިދިން ބަދަލަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުމުން، ވެފައިވާ ގެއްލުމެއް ކަމާއި އެއީ، އެއްބަސްވުމާ ހިލާފުވެފައިވާ ހިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއް ކަމަށެވެ. އަދި މާލޭ ހައި ކުންފުންޏަށް ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީ ކުރުމަށް ބަލާއިރު، އެހެކި ދައުލަތަށް ތައުނު ކުރެވެން ނެތް ކަމަށެވެ. އަދި ޝަރީއަތެއްގައި މައްސަލަ ކުރިއަށް ގެންދާއިރު ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި އެދުވަސްތަކުގައި ވެސް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ އިތުރު އަރަމުންދާނެ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ތައްޔާރުކުރި އެސެސްމަންޓްގައި ބުނެފައި ވަނީ އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަން ރުފިޔާ އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައި ވަނީ އެއްބަސްވުން އުވައިލުމުން އިތުރު ތަނެއް ކުއްޔަށް ހިފަންޖެހުމާއި، ވިޔަފާރިއަށް އައި ބަދަލުތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަކީ ދައުލަތުން ދޭން ޖެހޭނެ ބަދަލެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން އުވައިލީ ގާނޫނާ ޚިލާފަށްކަން ސާބިތުވާ ހާލަތުގައި ވެސް މަންދު ކޮލެޖަށް ބަދަލު ދޭންޖެހޭނީ އެ ކުންފުންޏާ ދައުލަތާ މެދުގައި ވެފައިވާ އެއްބަސްވުމުގެ އަސާސީ މަގުސަދު ކަމަށްވާ އިންޓަނޭޝަނަލް ސުކޫލެއް ހިންގުމަށް ކޮށްފައިވާ ޚަރަދުތަކުގެ ބަދަލު ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.