އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިޒްރޭލުން ދަނީ މެދުއިރުމަތީގައި ދިގުލައިގެންދާ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގެ އިތުރު ބިންތައް ހިފަމުންނެވެ.
ގައްޒާ، ސީރިޔާ އަދި މިހާރު ލުބްނާނުގައި އިޒްރޭލުން ގާއިމުކުރަމުންދާ "ބަފަރ ޒޯން" ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުތަކަކީ، 2023 އޮކްޓޯބަރު 7 ގެ ހަމަލާތަކަށްފަހު އެ ގައުމުގެ އަސްކަރީ ސްޓްރެޓެޖީއަށް އައި ބޮޑު ބަދަލެކެވެ. އިޒްރޭލުގެ އަސްކަރީ އަދި ދިފާއީ ދާއިރާގެ އިސް ހަ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ބަދަލާއެކު އެ ގައުމު މިހާރު އޮތީ ދާއިމީ ހަނގުރާމައިގެ ހާލަތެއްގަ އެވެ.
މި އާ އުސޫލުން ހާމަވަނީ، ދެ އަހަރާއި ބައިގެ ހަމަނުޖެހުންތަކަށްފަހު އިޒްރޭލަށް ގަބޫލުކުރެވުނު ހަގީގަތެކެވެ. އެއީ އިރާނުގެ ލީޑަޝިޕާއި، ލުބްނާނުގެ ހިޒްބުالله، ގައްޒާގެ ހަމާސް އަދި ސަރަހައްދުގެ އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތައް މުޅިން ނައްތާނުލެވޭނެ ކަމެވެ. ކާނެގީ އެންޑޯވްމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ތަޖުރިބާކާރު ނޭތަން ބްރައުން ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ލީޑަރުން މިހާރު ނިންމާފައިވަނީ އެމީހުން މިއޮތީ ދުޝްމަނުންނާ ދެކޮޅަށް ކުރެވޭ "އަބަދަށް ދެމިގެންދާ ހަނގުރާމައެއް" ގަ އެވެ.
ފާއިތުވި ބުދަ ދުވަހު އެމެރިކާ އާއި އީރާނުން ވަނީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް، އިޒްރޭލުން ބުނަމުންދަނީ އީރާނަށް ދޭ ހަމަލާތައް ހުއްޓާލި ނަމަވެސް، އީރާނުގެ މަދަދުލިބޭ ހިޒްބުاللهއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
ލުބްނާނުގެ ދެކުނުގައި ލިތާނީ ކޯރާ ހަމައަށް، އެ ގައުމުގެ ބިމުގެ 8 އިންސައްތަ ހިމެނޭ ސަރަހައްދެއްގައި އިޒްރޭލުން ދަނީ ބަފަރ ޒޯނެއް ހަދަމުންނެވެ. މި ސަރަހައްދުގައި ދިރިއުޅޭ އެތައް ލައްކަ ބަޔަކަށް ގެދޮރު ދޫކޮށް ދިއުމަށް އަމުރުކޮށް، ހިޒްބުاللهއިން ބޭނުންކުރާ ކަމަށް ތުހުމަތުކުރާ ޝީއީ އަވަށްތަކުގެ ގެތައް ދަނީ ބިމާ ހަމަކުރަމުންނެވެ. އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، މީގެ ބޭނުމަކީ ބޯޑަރުން ފެށިގެން 5 އާއި 10 ކިލޯމީޓަރުގެ ސަރަހައްދެއް "ސާފުކޮށް"، އިޒްރޭލުގެ ރަށްތަކަށް ހިޒްބުاللهގެ ހަމަލާތައް ނުފޯރާވަރު ކުރުން ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި، ގައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދަކާއި، ސީރިޔާގެ މައުންޓް ހާމަން އިން ފެށިގެން ޔާމޫކް ކޯރާ ހަމައަށް، އަދި ލުބްނާނުގެ ބޮޑު ސަރަހައްދެއްގައި މިހާރު ވަނީ "ސެކިއުރިޓީ ބެލްޓްތައް" ގާއިމުކުރެވިފަ އެވެ.
ނަމަވެސް، އިޒްރޭލުގެ މި އަމަލުތަކާ މެދު ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ކަންބޮޑުވުން ފާޅުކުރެ އެވެ. އިޒްރޭލް ޑިމޮކްރަސީ އިންސްޓިޓިއުޓްގެ މާހިރު އެރާން ޝާމިރު-ބޯރާ ވިދާޅުވީ، އަސްކަރީ ބޭނުމަކަށް މެނުވީ އާންމުންގެ މުދަލާއި ގެދޮރު ހަލާކުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ.
އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި ހެދިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި، ގިނަ ބަޔަކު ގަބޫލުކުރަނީ ފަލަސްތީނާއި އަވަށްޓެރި ގައުމުތަކާއެކު ދާއިމީ ސުލްހައެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދު ކުޑަ ކަމަށެވެ.
އެހެންކަމުން، އިޒްރޭލުގެ ލީޑަޝިޕުން އިސްކަންދެނީ ސިޔާސީ ހައްލަކަށްވުރެ ބޮޑަށް، ބަފަރ ޒޯންތައް މެދުވެރިކޮށް އަސްކަރީ ގޮތުން ރައްކާތެރިކަން ހޯދުމަށެވެ. ނަމަވެސް، މިގޮތަށް އެތައް ތަނެއްގައި ބިންތައް ހިފައިގެން ތިބުމަކީ އިޒްރޭލުގެ އަސްކަރިއްޔާއަށް ދިގު މުއްދަތުގައި ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ބައެއް ދިރާސާވެރިން އިންޒާރު ދެއެވެ.
އިސްކޮޅުގެ ސަބަބުން ހަކުރު ބަލީގެ ފުރުސަތު ބޮޑު ވޭތަ؟
ޑިޑީގެ "ވައިޓް ޕާޓީ"ތަކަށް ނަޒަރެއް