އޮސްކާ އެކަޑަމީއިން އާއްމުކުރި "ފޭވަރިޓް ރޮމޭންޓިކް މޫވީސް"ގެ ލިސްޓުގައި ބޮލީވުޑްގެ ކްލެސިކް "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ" ހިމެނިއްޖެ އެވެ.

އޮސްކާ އެކަޑަމީގެ އެކްސް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ހޮލީވުޑްގެ އިތުރު ފިލްމުތަކަކާއެކު ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ ހިމަނާފައިވާއިރު ދަތުރުފަތުރު ހިމެނޭ އެންމެ ކަމުދާ ލޯބީގެ ފިލްމަކަށް ވޯޓު ދޭން ހުޅުވާލާފައިވެ އެވެ.

އެގޮތުން ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭއާއެކު އެ ޕޯސްޓުގައި ހިމަނާފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި "ޔޫ، މީ އެންޑް ޓަސްކަނީ"، "ދަ ހޮލިޑޭ" އަދި "އީޓް، ލަވް އެންޑް ޕްރޭ" ހިމެނެ އެވެ.

މި ޕޯސްޓަށް ކޮމެންޓް ކުރަމުން ދިލްވާލޭ "ދުލްހަނިޔާ ލޭޖަޔޭންގޭ"ގެ އަންހެން ލީޑުން ފެނިގެންދިޔަ ކާޖޮލް ކުރި ބުނެފައިވަނީ އޭނާގެ ވޯޓު އޮތީ އެ ފިލްމަށް ކަމަށެވެ.

ކާޖޮލްގެ އިތުރުން ޝާހްރުކް ޚާންގެ އެ ފިލްމަކީ އަދިތުޔާ ޗޯޕްރާ އެންމެ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު ނަމަވެސް އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެގޮތުން އެ ފިލްމު އިންޑިއާގެ އެންމެ ދުވަސްވީ އެއް ސިނަމާ ކަމަށްވާ މަރާތާ މަންދިރުގައި ދައްކަމުން އަންނަތާ މިހާރު 30 އަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.