ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ހިޔާނާތާ މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން މަގާމުން ސަސްޕެންޑް ކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ނައިބުން މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ހެލްތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު މިއަދު މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ.
ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާދީފައި ވަނިކޮށެވެ.
މި ދެ ބޭފުޅުންނަކީވެސް ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އޭގެ ތެރެއިން ޝިޔާމާ މުހައްމަދަކީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި ހެލްތު މިނިސްޓްރީއާ ދެމެދުގައި ހެދި އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅާ އެވެ.
ނިޝާމާ އަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރި ބިޑް ކޮމިޓީގެ ޗެއާ އެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނެވެ.
ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.