އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ހަވާލުކުރުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ ކައުންސިލްތަކުން ދެމުންދިޔަ ހިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު އޮތީ އެލްޖީއޭއަށް ކަމަށް އެ އޮތޯރިޓީން މިއަދު ބުނުމާ ގުޅިގެންނެވެ. މިއީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން މަސައްކަތް ކުރަމުންދާ ބަދަލުތަކުގެ ތެރެއިން އުފެދިފައިވާ ބަހުސެކެވެ.
މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރައްވަމުން ސުއޫދު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންކޮށްފައިވަނީ އިދާރީ ދާއިރާތައް ހިންގުމުގެ ބާރު ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ދިނުމަށް ކަމަށެވެ. އެހެންކަމުން، ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް މުހައްމަދު މުއިއްޒުވަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދުމާއި އަތޮޅު ކައުންސިލްތައް އުވާލުމަށް ވައުދު ވަޑައިގެންފަ އެވެ. އެގޮތުން ގާނޫނަށް އިސްލާހު ގެނެސް މިހާރު އަތޮޅު ކައުންސިލްތައް އުވާލާފައިވާއިރު، ވައުދުވަޑައިގެން އުފެއްދެވި މިނިސްޓްރީވެސް އިއްޔެ ވަނީ އުވާލައްވާފަ އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަކީ ގާނޫނުއަސާސީގެ މައިގަނޑު އެއް އަސާސް ކަމަށްވާއިރު، އަތޮޅު ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ އިދާރާއަކަށް ނުވަތަ އައްޔަންކުރެވޭ ބަޔަކަށް ބަދަލުކުރުމަކީ ނިޒާމުގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި ގާނޫނީ މާހިރުން އަންނަނީ ސިފަކުރަމުންނެވެ.
ހައްލުނުވި މާލޭގެ މަގުތަކުގެ ހާލަތު: ވިއްސާރައާއެކު ގޯހުން ގޯހަށް
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު