އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މޭވާއެއް ކާން ފެށުމުގެ ކުރިން އޭގެ ތޮށި މަށާލުމަށް އާދަވެފައިވާ ބައެކެވެ. ނަމަވެސް ބީބީސީ ފިއުޗާގައި ޝާއިޢުކޮށްފައިވާ ދިރާސީ ރިޕޯޓެއް ބުނާގޮތުން، މޭވާގެ ތޮށި އުކާލުމަކީ އޭގެ އެންމެ މުހިންމު މާއްދާތަކުން މަޙްރޫމް ކުރުވާ ކަމެކެވެ.
ތޮށީގައި ހުންނަނީ ކޮން ފައިދާތަކެއް؟
މޭވާއާއި ތަރުކާރީގެ ތޮށި ފަރުމާވެފައިވަނީ އޭގެ އެތެރޭގައިވާ މަސްގަނޑު އަވިންނާއި، ފަނިފަކުސައިން އަދި އެކި ކަހަލަ ބަލިތަކުން ރައްކާތެރިކުރުމަށެވެ. މި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ތޮށީގައި ގިނަ އަދަދަކަށް "ފައިޓޯނިއުޓްރިއެންޓްސް" އާއި އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެ އެވެ.
ފައިބާގެ މުއްސަނދިކަން: މޭވާގެ ތޮށީގައި ގިނަ އަދަދަކަށް ފައިބަރު ހުރެ އެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ބަނޑުހައިވުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިސާލަކަށް އާފަލެއްގެ ތޮށީގައި، އޭގެ މަސްގަނޑަށްވުރެ މާ ގިނައިން ފައިބަރު ހުރެ އެވެ.
ވިޓަމިންސް: ބައެއް ދިރާސާތަކުން ދައްކާގޮތުގައި، އާފަލު ތޮށީގައި އާފަލުގެ މަސްގަނޑަށްވުރެ 300 އިންސައްތަ އިތުރަށް ވިޓަމިން ކޭ (K) އަދި 140 އިންސައްތަ އިތުރަށް ވިޓަމިން އޭ (A) އެކުލެވިގެންވެ އެވެ.
ކިވީ އާއި ދޮންކެޔޮ: ކިވީ މޭވާގެ ތޮށި ކެއުމުން އޭގެއިން ލިބޭ ފައިބަރުގެ މިންވަރު 50 އިންސައްތަ އިތުރުވެއެވެ. އަދި ދޮންކެޔޮ ތޮށީގައި ޕޮޓޭސިއަމް އާއި މެގްނީޒިއަމް ފަދަ މުހިންމު މައުދަނުތައް ހުރެ އެވެ.
ތޮށި ބޭނުންކުރާނީ ކިހިނެއް؟
ގިނަ މީހުންނަށް ތޮށި ކެއުމަށް އުނދަގޫވަނީ އޭގެ ރަހަ ނުވަތަ އޮމާންކަން ހުންނަ ގޮތުންނެވެ. ނަމަވެސް މިއީ ފަސޭހަކަމާއެކު ހައްލުކުރެވިދާނެ ކަމެކެވެ.
ދޮންކެޔޮ ތޮށި: ދޮންކެޔޮ ތޮށި ކުދިކޮށް ކޮށައިގެން ސްމޫތީތަކަށް އެއްކުރެވިދާނެ އެވެ. ނުވަތަ ކައްކައިގެން (ރިހަ ފަދަ ތަކެތީގައި) ބޭނުންކުރެވިދާނެ އެވެ.
އޮރެންޖު ތޮށި: އޮރެންޖު ތޮށި ހިމުންކޮށް ގާނައިގެން ކޭކު ނުވަތަ ސެލަޑްތަކަށް ރަހަ ޖެއްސުމަށް ބޭނުންކުރެވިދާނެ އެވެ.
ސާފުތާހިރުކަން: ތޮށީގައި ހުންނަ ކުނޑި ނުވަތަ ބޭސް ފިލުވުމަށްޓަކައި، ކެއުމުގެ ކުރިން ރަނގަޅަށް ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތިމާވެއްޓަށް ހުރި ފައިދާ
ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި އުކާލެވެ އެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް މޭވާގެ ތޮށި ހިމެނެ އެވެ. މި ތޮށިތައް ކެއުމުގައި ބޭނުންކުރުމުން، ކާބޯތަކެތި އިސްރާފުވުން ކުޑަވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދެ އެވެ.
ކުރިއަށް އޮތް ތަނުގައި މޭވާއެއް ކާން އުޅޭއިރު، އޭގެ ތޮށި މަށާލުމުގެ ކުރިން އެއިން ލިބޭނެ ޞިއްޙީ ފައިދާތަކާ މެދު ވިސްނާލުން ރަނގަޅުވާނެއެވެ.
އެއްބަސްވުމާ ހިލާފުވެ، އެމެރިކާއިން އީރާނުގެ ބޯޓަކަށް ހަމަލާ ދީފި
ޑައިލަންގެ ގެއަށް ވަތް ވަގަކު އަމިއްލައަށް ހިފަހައްޓައިފި
އަންހެނުންނަށް ނިދަން އުނދަގޫވަނީ ކީއްވެ؟