ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންޖެހިގެން މަރުވި ޒުވާން އަންހެން ކުއްޖާ، މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ދަނާލުގައި މަރުވި އަންހެން ކުއްޖާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން ކުއްޖާގެ ފަރާތުން ދިވެހި ފުލުހުންގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށެވެ. އަދި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށާއި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.
އޭގެ އިތުރުން އޭނާ އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަދި އެރޭ ދަންވަރު 12:38 ގައި "އައިއެމް ގޯން" ކަމަށް ބުނެ ވިކްޓިމް ސަޕޯޓަށް މެސެޖު ކުރި ކަމަށާއި އޭގެ ތިން މިނެޓް ތެރޭގައި އޭނާއަށް ޖަވާބުދީފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއީ އެ އަންހެން ކުއްޖާއާ ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އަންހެން މީހާ ފުލުހުންނަށް ގުޅަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރިފައި ވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ. އަދި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އިހުސާން ވިދާޅުވި އެވެ.
"ނަފްސާނީ ކަންކަން ހިމެނޭފަދަ މައްސަލަތަކުގައި ވަރަށް ބޮޑަށް އެދެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް. މީގެ ސަބަބުން މި ވަގުތު މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުން ދޭ އަދި ހަމައެއާއެކު މި ހާދިސާތައް ދިމާވެފައި ހިތާމަތައް ދިމާވެފައިވާ އާއިލާތަކަށް ނުހަނު ހިތާމަތައް ލިބިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިން ވުމުން 1:03 ގައި ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ގައި ދަނާލަށް ވަދެފައިވާ ކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަދި މިނިވަން މުއައްސަސާތަކުން ވެސް އެ މައްސަލަ ބަލަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރިންގެ އަތުން ފޯނާއި ޓެބްލެޓް އަތުލުމުގެ ކުރިން ސަމާލުވޭ!
އާރަދްޔާގެ ފަރާތުން ފިލްމު ރިވިއުސް ހޯދަން އަބީޝޭކް ބިރުގަނޭ!
ސޯފީއާ ވަކިވިތާ ދެ އަހަރު ފަހުން ޖޯ އާ ލޯބިވެރިއެއް ހޯދައިފި