ކުނިވެފަިއވާ ލޭ ތެލެސީމިއާ ތިން ކުއްޖެއްގެ ގަނަށް އަޅައިފި އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ ފްރިޖަށް ދިމާވި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ހެނދުނު ފްރިޖުގައި ހުރި ލޭ ޕެކެޓްތައް ރަނގަޅުކަން ކަށަވަރުކުރުމުގެ މަސައްކަތް ދަނިކޮށް ތެލެސީމިއާ ތިން ކުއްޖެއް ގަޔަށް ލޭ އެޅި ފްރިޖަށް މައްސަލަ ޖެހުނުކަމުގެ މައުލުމާތު ނުލިބޭ ނަރުހުންތަކެއް ކަމަށެވެ.

އެ ތެލެސީމިއާ ކުދިންނަށް ލޭ އެޅުނުކަން އެނގުނީ އެ ކުދިން ގެއަށްވެސް ދިޔަ ފަހުން ކަމަށާއި އޭގެ ތެރެއިން ދެ އާއިލާއަކަށް ގުޅައި މައުލޫމާތު ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެތެރެއިން އެއް އާއިލާއަށް އެ ވަގުތު ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ މައުލޫމާތު ފޯރުކޮށްދެވުނީ ލަސްވިފަހުން،" އަހްމީމް ވިދާޅުވި އެވެ.

އެ ތިން ކުދިންގެ ހާލު ވެސް ރަނގަޅެވެ.

އެކަން ހިނގާފައިވަނީ ރަނގަޅަށް މުއާމަލާތްތައް ނުކުރެވުމުންކަން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޭ އެޅުނު ތެލަސީމިއާ ކުދިންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދެން،" އަހްމީމް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ވީހާވެސް އަވަހަށް އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެކަން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިކޭޝަން އެރާއެއް އަރާފައި އެއިނީ. އަލަމާރި ހަލާކުވީމަ އޭތި ނާޅާށޭ ބުނަށްވާއިރަށް ނޫނީ ލޮޖްތަކާ އެއްޗެހި ޗެކްކޮށް ނިމެންވާއިރަށް އެހެން ނަރުހުންތަކެއް ގޮސް އޭތި އަޅާފައި މިއިނީ. އޭގެ ތެރެއިން ތިން ޕެކް އަޅާފައި،" އޭނާވިދާޅުވި އެވެ.

ލޭ ރައްކާކުރާ ފްރިޖްތަކަށް މައްސަލަތަ ދިމާވާތީ އާ ފްރިޖްތަކެއް ބޭރުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފްރިޖްތައް ގެނެވެންދެން ވަގުތީ ގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ފްރިިޖެއްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.