ކޮވިޑް-19އިގެ ހާލަތުގައި އެއްކުރެވުނު މައުލޫމާތުތަކުގެ އަލީގައި، އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައެޅުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫސް "މިހާރު"އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އަމާޒަކީ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި، އެއަށް އަމަލުކުރަން ފެށުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މިއަހަރު ނިމުމުގެ ކުރިން، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައަޅައި ނިންމަންޖެހޭނެ ކަމަށް ބުނެ އިސްލާހު ފާސްކޮށްފަ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން އެ އިސްލާހުގައިވާ ގޮތުން، އެންމެ ކުޑަމިނުން ދެވޭ އުޖޫރައެއް ކަނޑައަޅަން ވާނީ ވަޒީފާ އަދާކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، ގައުމުގެ ފުދުންތެރިކަމަށާއި، އިގްތިސޯދަށް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ނުވަ ސިނާއަތަކަށް އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ކަނޑައަޅަން ޖެހޭ ނުވަ ސިނާއަތް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ،

އެ ސިނާއަތްތަކަކީ:

  • މަސްވެރިކަމާއި
  • ދަނޑުވެރިކަން
  • ފަތުރުވެރިކަން
  • އިމާރާތްކުރުން
  • ދަތުރުފަތުރުކުރުން
  • ސިއްހީ ދާއިރާ
  • ތައުލީމީ ދާއިރާ
  • ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް
  • މެރިޓައިމް ސިނާއަތް
  • ޓެކްނޮލޮޖީ ދާއިރާ

ރާއްޖެއަށް ކޮވިޑް-19ގެ ބަލިމަޑުކަަން އައުމުގެ ކުރިން، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ވޭޖް ބޯޑުން ކަނޑައެޅުމަށް ނިންމާފައިވަނީ 6،400 ރުފިޔާ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގައި ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، 4،000 އާއި 8،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެވެ.

މި ހިނގާ އަހަރުގެ ފަހުކޮޅު އެންމެ ކުޑަ އުޖޫރަ ކަނޑަޅައި، ތަންފީޒުކުރަން ފަށާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވާއިރު، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ ސީދާ އަދަދެއް އަދިވެސް ކަނޑައެޅިފައެއް ނުވެ އެވެ.