ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ފޯޖް ކޮށްފައިވާ ސޮއި ބޭނުންކޮށްފައިވާ ކަމަށް އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނާއިބު ޝިޔާމާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެންޓިލޭޓަރު މުއާމަލާތާ ގުޅުންހުރި ހިޔާނާތުގެ މައްސަލަތައް ބެލުމަށްފަހު ޝިޔާމާ އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހިޔާނާތުގެ ތުހުމަތަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވާ ޝިޔާމާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވެންޓިލޭޓަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެ އެއްބަސްވުމުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސަންޓް އެކުންފުންޏަށް ދީފައިވާ ކަން އެއްވެސް ވަރަކަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން އެހާ ބޮޑު މާލީ މުއާމަލާތެއް ހަދާއިރު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި ފައިސާ ފޮނުވުމަކީ، ފިނޭންސް މިނިސްޓްރީގެ އިހްމާލެއް ކަން ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ އެ މައްސަލައިގައި މަގާމުން ވަކިކުރުމަކީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހައްލެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޝިޔާމާ ވިދާޅުވީ، ވެންޓިލޭޓަރުގެ އެގްރިމަންޓްގައި ސޮއިކުރެއްވި ކަމަށާއި ނަަމަވެސް އޭނާ އަށް ލިބިވަޑައިގެންނެވި މެއިލްގެ ކޮޕީގައި އޮތް އޭނާގެ ސޮޔަކީ ފޯޖްކޮށްފައި އޮތް ސޮއެއް ކަމަށެވެ. ނަމަވެސް އެކަން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައި އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވާހަކަދައްކަވާފައިވާނެ ކަމަށް ޝިޔާމާ ވިދާޅުވި އެވެ. އެހެންކަމުން މައްސަލައިގެ ފުރިިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް އޭނާ ވަނީ ކަމާ ގުޅޭ އިދާރާތަަކަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ ތަހުގީގަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝިޔާމާ ދެއްވި އެވެ.

"މިބޮޑު މުއާމަލާތް ފެށިގެން ނިމުމާއި ހަމައަށް ވެސް މީގައި މަސައްކަތް ކުރި އެކި ފަންތީގެ މުވައްޒިފުން ހިމެނޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެއްބަސްވުމަކީ، މުއާމަލާތެއްގެ ބައިވެރިން އަމަލުކުރަން ހެދޭ ލިޔުމަކަށް ވާއިރު، އެއާ ނުލައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ފައިސާ އާއި މުދަލަށް އިހްމާލު ވުމެވެ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމާ އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ނިޝާމާ މުހައްމަދު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެ އެގްރިމަންޓްވެސް މިހާރު ވަނީ ބާތިލްކޮށްފައި ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް 75 ވެންޓިލޭޓަރު ފޯރުކޮށްދޭން އޮތް ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

ވެންޓިލޭޓަރު ގަތުމަށް ހޭދަކުރި ފައިސާ ހޯދަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހަޅާނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހީމް ރިފްއަތު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭސީސީއިން ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން ވަނީ ފައްޓަވާފަ އެވެ.