ކެނެޑާ (05 މެއި) - ކެނެޑާގެ އެލްބާޓާ ޕްރޮވިންސްގައި އެސްޓްރާޒެނެކާ ވެކްސިން ޖެހި މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ގައުމުގެ ހެލްތު ކެނެޑާ ޗީފް މެޑިކަލް އޮފިސަރު ވިދާޅުވީ އެމީހާ މަރުވީ ވެކްސިން ޖެހުމަށްފަހު ކުރިމަތިވި ލޭ ގަނޑުވުމުގެ މައްސަލަ ތަކަކަށް ފަހު އެވެ.

ކެނެޑާގައި އެސްޓްރާޒެނެކާގެ ވެކްސިން ލިބިގަތް ފަސް މީހަކަށް ލޭގަނޑުވުމުގެ މައްސަލަތައް ކުރިމަތިވެފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާ ނަމަވެސް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި އެ ވެކްސިނުން ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑެވެ.

މިހާދިސާ އާއި ގުޅިގެން އެސްޓްރާޒެނެކާގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ މަހު ކިއުބެކް ޕްރޮވިންސްގައި އެސްޓްރާ ވެކްސިން ޖެހި މީހަކު މަރުވެފައި ވާއިރު، އެލްބާޓާއިން ފެނުނު މިކޭސްއަކީ އެ ގައުމުގައި ހިނގި އެފަދަ ދެވަނަ މަރެވެ.

އެސްޓްރާޒެނެކާ ވެކްސިންގެ ސަބަބުން މަދުން ނޫނީ ނުފެންނަ ލޭ ގަނޑު ވުމުގެ މައްސަލަތަކެއް ކުރިމަތިވާ ކަން ފެންމަތިވުމާއެކު ވެކްސިން އުފައްދާ ކުންފުނިން ވަނީ އެ މައްސަލަތައް އިތުރަށް ތަހުގީގުކުރަން ފަށާފަ އެވެ.

މިފަދަ ރިޕޯޓް ތަކާއެކު ގިނަ ގައުމު ތަކަކުން ވަނީ މާޗް މަހުގެ ތެރޭގައި އެކްސްރާޒެނެކާ ވެކްސިން ދިނުން މެދުކަނޑާލާފަ އެވެ. އޭގެތެރެއިން ބައެއް ގައުމުތަކުން މިހާރު ވަނީ ގަވާއިދުތަކަކާ އެކު އެ ވެކްސިން އަލުން ދޭން ފަށާފަ އެވެ.-- އަލް އަރަބިއްޔާ