ބޭންކުން ވިޔަފާރިތަކަށް ވިއްކި ޑޮލަރުގެ އަދަދު އިތުވެފައިވާ ކަމަށާއި އެއިން ދޭހަވަނީ ވިޔަފާރި ރަނގަޅުކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ބީއެމްއެލް އިން އާންމުކޮށްފައިވާ ޑޮލަރާއި ޓީޓީ ވިއްކި އަދަދުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ.

ސައީދު ވިދާޅުވީ ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ވިއްކި މުއާމަލާތްތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެއީ ވިޔަފާރިކުރުން އިތުރުވުމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީ. ޑޮލަރު ބޭނުންވާ ނިސްބަތް އިތުރުވަނީ. ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ. ދެން ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ، އިތުރު ޑޮލަރު ބޭނުން ވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭނީ." ސައީދު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް މި އަހަރު ތެރޭ 296 މިލިއަން ޑޮލަރު ވިއްކާފައިވާކަން ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ތެރޭ ޖުމްލަ ވިއްކީ 566 މިލިއަން ޑޮލަރެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް މަހަކު އެވްރެޖުކޮށް 74 މިލިއަން ޑޮލަރު ވިއްކި ކަަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު ވިއްކިއިރު، މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.